ޕްރިމިއާ ލީގުގެ ތައްޓަށް ކުރާ ވާދަ އަދި ނުނިމޭ ކަމަށާއި އާސެނަލަށް އަދި ސީޒަނުގެ އެންމެ ރީތި ބައި އަންނަން އޮތީ ކަމަށް އެކުލަބުގެ މެނޭޖަރު މިކެލް އާޓެޓާ ބުނެފި އެވެ.
އާދިއްތަދުވަހު ގަނާސްއަށް ލީގުގެ އެއްވަނަ ގެއްލުނުއިރު ބުދަދުވަހު މެންޗެސްޓާ ސިޓީން ވަނީ 4 - 1 ން އާސެނަލް ބަލިކޮށްފަ އެވެ. އަދި އެއް ޕޮއިންޓުގެ ފަރަގަކުން އެއްވަނައިގައި އޮތީ ސިޓީ އެވެ.
އާސެނަލުން ވަނީ ލީގުގެ އެއްވަނައިގައި 247 ދުވަހު އޮވެފަ އެވެ. ސިޓީން އެއްވަނައިގައި އޮތީ އާސެނަލާ އަޅާބަލާއިރު 16 ދުވަހު އެވެ.
އާޓެޓާ ބުނީ 4 މެޗުން މޮޅެއް ނުލިބި އޮތް އާސެނަލުން ހުރިހާ ކަމެއް ރަނގަޅު ކުރަން ބޭނުމީ އަންގާރަދުވަހު ޗެލްސީއާ ކުޅޭ މެޗުން ކަމަށެވެ.
"އަހަރެމެންނަށް ޕްރިމިއާ ލީގު އަދި ކާމިޔާބުކުރެވޭނެ. އެއީ ބާކީ އަދި ފަސް މެޗު އެބައޮތް. ވަރަށް ގިނަ ކަންތައްތަކެއް އަދި ހިނގާނެ. އަހަރެން މިއަށް ބެލުމުން ފެންނަނީ ނުނިމޭ ކަމަށް އަދި މިހާރު އަމިއްލަ ބާރު ގެއްލިއްޖެ، ދެން ކުރެވޭނެ ކަމަކީ ބާކީ ހުރި މެޗުތަކުން މޮޅުވާން މަސައްކަތް ކުރުން އަދި ބާކީ ބައި އޮތީ ސިޓީގެ އަތްމަތީގައި." އާޓެޓާ ބުންޏެވެ.
އާޓެޓާ ބުނީ ދެން ކުރަން އޮތް ކަމަކީ މިދިޔަ ހަފްތާ ހިނގައިދިޔަ ކަންތައް ހަނދާން ނައްތާލާ އެކަމުން ފިލާވަޅު ލިބިގަނެ ކުރިއަށް އޮތް މެޗާމެދު ވިސްނުން ކަމަށެވެ.
ދެން ކޮންމެ ގޮތަކަށް ލީގު ނިމުނު ކަމުގައިވިއަސް އާސެނަލަށް އޮތީ ގަދަ 4 ޔަގީންވެ ދެން އޮންނަ ޗެމްޕިއަންސް ލީގުން ފުރުސަތު ޔަގީންވެފަ އެވެ. އާސެނަލުން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅޭނީ 2016/17 ވަނަ އަހަރުގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށެވެ.