twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވްވެއްޖެ

Jan 24, 2024

ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމަށްވާ ހޯއްގޮވާ ކެއްސުމަށް (ޕަޓޫސިސް އަށް) ގއ. ވިލިނގިލިން ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުދިން މި ބައްޔަށް ޕޮޒިޓިވް ވުމުން އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

މި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓުކޮށް، އެ މީހުންނަށް ވެސް ބޭސް ދީފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، މި ކޭސްތައް ފެނުމާ ގުޅިގެން ގއ. އަތޮޅު ހޮސްޕިޓަލުން އެކަމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާ ގުޅިގެން އަންނަނީ ކުރަމުންނެވެ.

އެ އިދާރާ އިން ބުނީ މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ތުއްތު ކުދިންނަށް ކަމަށެވެ. އެހެންވެ، ހަތް އަހަރު ނުވާ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ހުރި ނަމަ، ވީހާ ވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރަން އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރޯގާ ޖެހި ކެއްސާ ފަރާތްތަކުގެ ތެރެއިން ކެއްސުން ދިގުލައިގެންދާ ނަމަ ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާ ނަމަ ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ އަދި ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހެއް ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިންގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭގެ ނޫސްބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ މި ބަލިން ރައްކާތެރިވުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމުން މި ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، މި ބަލީގެ ކޭސްތައް ވަރަށް މަދުން ރާއްޖެއިން ފެންނަ ކަމަށް އެ އެޖެންސީން ބުންޏެވެ.

ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އޭގެ ތެރޭގައި ނޭފަތް ބެދުމާއި ނޭފަތުން ފެން ފޭބުމާއި ހުން އައުމާއި ކުޑަކޮށް ކެއްސުން ހިމެނެ އެވެ. އަދި ބަލި ޖެހޭތާ ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާއި މި ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެން ދެ އެވެ. ތުއްތު ކުދިންނަށް މީގެ އިތުރުން ވެސް ބައެއް އަލާމަތްތައް ފެނިދާނެ އެވެ.

ކުއްލިކުއްލިއަށް ކެއްސުމާއި ކެއްސުމަށް ފަހު ހޮޑުލެވުމާއި ބައެއް ކުދިން ކެއްސުމަށް ފަހު ނޭވާލާއިރު، އަޑެއް (ހޯއް ގޮވުން) އިވެ އެވެ. އަދި ތުއްތު ކުދިން ކެއްސުމުގެ ބަދަލުގައި ދޭތެރެދޭތެރެއިން ވަގުތުކޮޅަކަށް ނޭވާ ހުއްޓާލަފާނެ އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް މި ބަލި ޖެހިއްޖެ ނަމަ، ބަލީގެ މާ ބޮޑު އަލާމާތްތަކެއް ނުފެނިދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ބައްޔަށް ދެވޭ ފަރުވާއަކީ އާންމުކޮށް ވެސް ދެވޭ އެންޓިބައޮޓިކްއެކެވެ. މި ބަލީގެ ކޮމްޕްލިކޭޝަންގެ ތެރޭގައި އާންމު ކަމަކީ ނިއުމޯނިއާ ނުވަތަ ފުއްޕާމޭގައި އިންފެކްޝަން އުފެދުމެވެ.

ހޯއްގޮވާ ކެއްސުން ބަލިން ރައްކާތެރިވުމަށް ދޭ ޕެންޓަވޭލެންޓް ވެކްސިން ދެނީ އުމުރުން ދެ މަހާއި ހަތަރު މަހާއި ހަ މަހުގަ އެވެ. އަދި ހަތަރު އަހަރު ފުރުމުން ޑީޕީޓީ ބޫސްޓާ ދެ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި، މި ހުރިހާ ޑޯޒެއް އޭގެ ވަގުތުގައި ފުރިހަމަކުރުން ވަރަށް މުހިންމެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ކޭސްތަކެއް ދާދި ފަހުން ވަނީ ފެނިފައެވެ. އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355