twitterviber whatsapp telegramfacebookyoutube instagram
28th April 2024

ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

Feb 28, 2024

ފާނަބަސަނދު (ޗިކެންޕޮކްސް) އިން ރައްކާތެރިވުމަށް، ހެލްތު ޕުރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ޗިކެންޕޮކްސްގެ ކޭސްތައް އިތުރުވެފައިވާ ކަމަށާއި މިކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. މިގޮތުން އެޗްޕީއޭއިން ވަނީ މި ބަލިން ރައްކާތެރިވާނެ ގޮތް ހިއްސާކޮށްފައެވެ.

އެ އެޖެންސީން ބުނި ގޮތުގައިި، ވައިރަހަކުން ޖެހޭ މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށް ވެސް ޖެހެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެއެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށްވެސް އެ އެޖެންސީން ބުންޏެވެ. އަދި ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުމާއި ބަލި ޖެހިފައިވާ މީހާ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާގިލަންދެން ބޭރު ތެރެއަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.

ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ޗިކެންޕޮކްސް ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. މި ވެކްސިން އާންމުކޮށް ފާމަސީތަކުގައި ލިބެން ހުންނާނެކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355