ޕޭ ހަމަނައިޒްކުރުމުން ޖުޑިޝަރީ މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު އައިސްނުވާތީ، މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން މިއަދު ވަޒީފާއަށް ސަލާމު ބުނެފި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު، ސަރުކާރުގެ ގިނަ އިދާރާތަކެއްގެ މުވައްޒަފުންގެ މުސާރަ ނޮވެމްބަރުމަހުން ފެށިގެން ޕޭ ހާމަނައިޒްކޮށް މުސާރަ ބޮޑުކުރި އެވެ. އެގޮތުން މުސާރަ ބޮޑުކުރި ދާއިރާގެ ތެރޭގައި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން ހިމެނޭކަމަށް ފިނޭންސުން އާންމުކޮށްފައިވެ އެވެ.
އެކަމަކު ލީގަލް އޮފިސަރުންނާއި ޖުޑިޝަރީގެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑުނުވާކަމުގެ ކަންބޮޑުވުން އެ މުވައްޒަފުން އަންނަނީ އުފުލަމުންނެވެ.
ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، މެޖިސްޓްރޭޓް ކޯޓުތަކުގައި ގިނަ ތިބެނީ އެޑްމިން މުވައްޒަފުންނާއި ކޯޓް އޮފިސަރުން ކަމަށާއި ޕޭ ހާމަނައިޒްކުރިއިރު އެ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ.
'ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރައިގެ ކުރި އެރުން ނުލިބޭތާ އަހަރުތަކެއްފަހުން، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން ސަރުކާރުން އިއުލާނުކުރުމުން އަޅުގަނޑުމެން ތިބީ ވަރަށް އުފަލުން. އެހެންނަމަވެސް މުސާރައަކަށް ބަދަލެއް އައިސްފައެއްނުވޭ." ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓްތަކުގެ ގިނަ މުވައްޒަފުގެ މުސާރައަށް ބަދަލު އައިސްފައިނުވާއިރު ބޮޑުވެފައިވަނީ ޗީފް އެޑްމިނިސްޓްރޭޓަރުގެ މުސާރަ އާއި ޖުޑިޝަރީގެ ވެރިންގެ މުސާރަ ކަމަށް މުވައްޒަފުން ބުންޏެވެ. އެހެންވުމުން އެކަމާ ކަންބޮޑުވުންފާޅުކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކޯޓްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު މަސައްކަތަށް ނުގޮސް ސަލާމުގައި ތިބި ކަމަށެވެ.
އެހެންވުމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓްތަކުގެ މަސައްކަތްތަކަށް ބުރޫއަރާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. ހދ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންވެސް މިއަދު ތިބީ ސަލާމުގަ އެވެ.
މި މައްސަލަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިންގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށާއި އެ ފަރާތުން ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށްވެސް ކޭއޯއާ ވާހަކަދެއްކި މުވައްޒަފުން ބުންޏެވެ.
މިކަމާ ގުޅިގެން ޑީޖޭއޭގެ ބައެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.




