ކުޅުދުއްފުށީގެ ހަނިގޯޅިތައް ހުރި ސަރަހައްދުތައް ތަރުތީބުކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަދަލު ކުރާ ގޯތިތަކަށް ދެނީ އެ ގޯތިތަކުގެ ބިމާ އެއްވަރުގެ ބިމެއް އެކަނި ކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ގެދޮރު އަޅާ، އެތައް ދުވަހެއް ވަންދެން މީހުން ދިރިއުޅެމުންދާ ގޯތިތައް ބަދަލުކުރަން ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ފޭސްބުކްގައި މީހަކު ކުރި ކޮމެންޓަކަށް ޖަވާބު ދެއްވަމުން މޭޔަރު ވިދާޅުވީ ނަގާ ގޯތިތަކަށް ބަދަލުގެ ގޮތުގެ ދެނީ އެވަރުގެ ބިމެއް އެކަނި ކަމަށެވެ.
ކުޅުދުއްފުށީގައި އެންމެ ފުރަތަމަ އާބާދުވިކަމަށް ބެހެލޭ މި ސަރަހައްދުތަކުގައި އޮންނަ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ބިމުގެ އަގު ނެތުމާއި އެމްބިއުލާންސާ އާއި ފަޔާ ޓްރަކް ނުވަދެވޭ މައްސަލަ ބޮޑެވެ. މި މައްސަލަތައް ހައްލުކުރުމަށް އެ ސަރަހައްދުތައް ތަރުތީބުކޮށް ބާކީ ހުންނަ ހަނިގޯޅިތައް ހިތްގައިމު ކޮންސެޕްޓަކަށް ތަރައްގީކުރަން ސިޓީ ކައުންސިލުން ބޭނުންވެ އެވެ.
އެ މަސައްކަތުގެ ފުރަތަމަ ބައި ފަށާފައިވާއިރު މާލިހާމަގުގެ އުތުރުން އޮންނަ ސަރަހައްދުގެ ބައެއް ގޭބިސީތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސިޓީ ކައުންސިލުން ކުރިން ނިންމި އެވެ. އެގޮތުން އެ ސަރަހައްދުގެ ހަތަރު ގެއެއް ބަދަލުކުރަން ނިންމި އެވެ.
ބަދަލުކުރަން ނިންމި ގެތައް:
- މަބުސްތާނުގެ
- އެވަރސްނޯ
- ނިސާ
- ސީން
މީގެއިތުރުން ކައުންސިލުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ތަރިޖެހިގެ، ނަޖުމު، ސްޓަރ އަދި ކޮމެޓްގެ އިސްރަށްވެހިންގެ ޕާކާ ޖެހިގެން އޮންނަ ހުސް ބިމަށް ބަދަލުކުރަން ނިންމި އެވެ. އަދި ފާޅު ކިޔާ ގޯއްޗާއި ގާހަކަ ކިޔާ ގޯއްޗާއި ގުލްތަރުޖަމާގެ އާއި އިޝާ އަދި މަލްވިލާގެ ވެސް އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
މި ސަރަހައްދުގައި ހުރި ގިނަ ގޯތިތަކަކީ 'އުކާލާފައި' ހުރި ގޯތިތައްކަމުން ގިނަ ގޯތިތަކުގައި ހުރީ ވަރަށް ބޮޑަށް ފިތިފަ އެވެ. އެހެންވުމުން ހަތަރު ކަނުގެ ބަދަލުގައި ބައެއް ގެތަކުގައި ތިން ކަނާއި 6 ކަން ހުންނަ ގޯތިތައްވެސް ހުރެ އެވެ.
2025 ވަނަ އަހަރުގެ އޯގަސްޓްމަހު ބޭއްވި ރައްޔިތު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، ހަނިގޯޅި ސަރަހައްދުތަކަކީ ހިނގާފައި އުޅޭ ހިތްގައިމު ސަރަހައްދުތަކެއްގެ ގޮތުގައި ތަރައްގީކޮށް މައިމަގަށް އެކްސެސްވެވޭ ގޮތަކަށް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
އެ ސަރަހައްދުންތައް ތަރުތީބުކޮށް ފުޅާ މަގެއް ހަދާއިރު ބައެއް ގޭބިސީތައް އެތަނުން ނަގަން ޖެހެ އެވެ. އެހެންކަމުން އެ މަސައްކަތްކުރާނީ އެ ސަރަހައްދެއްގެ ރައްޔިތުން ރުހޭނަމަ ކަމުގައިވެސް އާތިފު ވިދާޅުވި އެވެ.




