twitterviber whatsapp telegramfacebookyoutube instagram
23rd May 2026

ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭއިން އިލްތިމާސްކޮށްފި

ނަބީލާ އިސްމާޢީލް
May 23, 2026

ރާއްޖޭން ހިމަބިހީގެ ކޭސްތައް ފެންނަފަށާފައިވާއިރު، އެ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ހިމަބިއްސަކީ ރާއްޖޭން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ ހަތް ކޭހެއް ރާއްޖޭން ވަނީ ފެނިފައެވެ. އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ.

މިއަދު އެޗްޕީއޭއިން އެކްސްގައިކުރި ޕޯސްޓުގައިވަނީ ހިމަބިހީގެ މުހިންމު މައުލޫމާތުތަކެއް ކިޔައިދީފައެވެ. އެގޮތުން އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ އޭގެ ތެރެއިން އާލާމަތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައެވެ.

މީގެ އިތުރުން، ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮންނަކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

މި ބަލި ޖެހެނީ، ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ. އެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ދިވެހިރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ، އާންމު ސިއްހަތަށް ރައްކާތެރިވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ވަނީ މުހިންމު އިރުޝާދުތަކެއް އާންމުކޮށްފައެވެ. މިއީ އާންމުން ސަމާލުކަންދޭންޖެހޭ ސީރިއަސް މައްސަލައެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ. މި ބައްޔަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި ނަމަވެސް، އަލުން މި ބަލި ފެންނަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355