ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 11 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހަފްތާގެ ތެރޭގައި ހިމަބިހީގެ އިތުރު ދެ ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިއާއެކު ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 11 އަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިއީ ދުނިޔޭގައި ވެސް ހިމަބިހި ފެތުރެމުން އަންނަ އަދަދު އިތުރުވަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން އާންމުކޮށް ދިވެހިން ގޮސް އުޅޭ ސްރީ ލަންކާ އާއި އިންޑިއާގައި ވެސް ގިނަ އަދަދެއްގެ މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ރާއްޖެއިން އެ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ފަސް ކޭސްގެ ތަހުގީގު ކުރިއަށްދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި އެ ފަސް ކޭހާ ގުޅުންހުރި 128 ކޮންޓެކްޓުން ފާހަގަވެފައިވާ ކަމަށާއި އެ މީހުން މޮނިޓާކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.




