އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ތިން ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޖޫރިމަނާކޮށްފި އެވެ.
އީސީއިން ބުނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ޖޫރިމަނާކުރީ އެމްޑީޕީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީ ކަމަށެވެ.
މިއިން ކޮންމެ ޕާޓީއެއް ޖޫރިމަނާކުރީ 50،000ރ. އިންނެވެ.
އީސީން ބުނީ ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ފަހުން އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ އިރު، އެމްއެންޕީ އާއި އަދާލަތުން އަދިވެސް އޮޑިޓް ރިޕޯޓް ހުށަނާޅާ އެވެ. އެމްޑީޕީ އަކީ ރާއްޖޭގައި މިހާރު ދެވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީ އެވެ.
ސިޔާސީ ޕާޓީތަކުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ހުށަހަޅަން ދިން މުއްދަތު ހަމަވީ މެއި މަހުގެ 20 އަށެވެ. އެ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓްތައް ހުށަހެޅީ ހަތަރު ޕާޓީއަކުންނެވެ. އެއީ ޖޭޕީ އާއި އެމްޑީއޭ އާއި ޕީއެންސީ އަދި ޕީއެންއެފެވެ.




