ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭރު ފައިސާ މާރުކުރަން ލާޒިމްވާ ގޮތަށް ބޭރު ފައިސާ އާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ގިނަ ރިސޯޓުތަކާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ރައީސް އެ ބިލު ތަސްދީގު ކުރެއްވީ ނޫސްވެރިންނާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ބިލު ތަސްދީގު ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނުގައިވާ ގޮތަށް 40 ޕަސެންޓު އާމްދަނީ މާރުކުރުމަކީ ރިސޯޓުތަކަށް ދަތިވާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ޔަގީން ކަން ހުރިހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 ޕަސެންޓު މާރު ކުރަން މަޖުބޫރުވާ ގޮތަށް 2024 ވަނަ އަހަރު އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަސައްކަތް ކުރުމުން ވެސް ވިޔަފާރިވެރިންގެ ޕްރެޝަރު ބޮޑުވި އެވެ.
އަނެއްކާވެސް ރާއްޖޭގައި ދައުރުވާ ޑޮލަރު ގިނަ ކުރުމަށް ސަރުކާރުން 40 ޕަސެންޓަށް އެ އަދަދު އިތުރު ކުރުމުން މަޓީން ބުނި ގޮތުގައި އެއީ ރިސޯޓުތަކަށް އުފުލޭނެ ވަރުގެ ބުރައެއް ނޫނެވެ.




