ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބަޓިކް ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލުން ފަށައިފި އެވެ.
އޭޑީކޭ އިން ބުނީ ރޮބަޓެއްގެ އެހީގައި ކަކުލު ހުޅު ބަދަލު ކުރުމުގެ ދެ އޮޕަރޭޝަނެއް މިހާރު ވެސް ކޮށްފައިވާ ކަމަށެވެ.
އެ ހިދުމަތް ފެށުމާ ގުޅިގެން އޭޑީކޭގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދޭ އަހަންމިއްޔަތު ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ރޮބޮޓިކް ސާޖަރީ އަށް ކުރި އިންވެސްޓްމަންޓަކީ ނާޝިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާ އަށް ޒަމާނީ ޓެކްނޮލޮޖީ ގެންނަން ކުރި މަސައްކަތެކެވެ.
"މިއީ ރާއްޖެ ސިއްހީ ދާއިރާއިން އަމިއްލަ ސެލްފް ސަފިޝަންޓް ކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް." ނާޝިދު ވިދާޅުވި އެވެ.
އޭޑީކޭ އިން މި ހިދުމަތް ފެށިއިރު ރޮބޮޓިކް ސާޖަރީ ހެދުމަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރުމަށް މަލްޓި ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިއަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ.




