twitterviber whatsapp telegramfacebookyoutube instagram
8th September 2026

ފެނަކަ އާއި އާރްޑީސީ އުވާލަނީ، މަސައްކަތްތައް ސްޓެލްކޯ އާއި އެމްޓީސީސީ އަށް

Sep 7, 2026

ފެނަކަ ކޯޕަރޭޝަން އާއި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ ސަރުކާރުގެ މި ދެ ކުންފުނި އުވާލަން ނިންމާފައިވާ ކަން އިއުލާން ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ފެނަކަގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކުންފުންޏެއް ނޫން ކަމަށް ދާއިރާގެ ފަންނީ ބޭފުޅުން ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން އެ ކުންފުނި އުވާލައި ކުންފުނީގެ މަސައްކަތްތައް މިހާރު ވެސް މާލެ އާއި ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އާރްޑީސީން ކުރާ މަސައްކަތް މިހާރު އެމްޓީސީސީން ވެސް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން އެމްޓީސީސީގެ ދަށަށް އާރްޑީސީ ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޑުޕްލިކޭޝަން ވަރަށް ގިނަ، ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝިއެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާކުރުމަށްޓަކައި މި ބަދަލު މި ގެންނަނީ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން އުފެއްދި އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީއަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް އިއުލާން ކުރެއްވި އެވެ.

މި ބަދަލުތައް ގެންނަ އިރު މުވައްޒަފުންގެ މަދު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293