އައިޖީސީއެސްއީ އިނގިރޭސި ލިސިނިން ޓެސްޓު ކުރިއަށްދާނެތީ، ކުޅުދުއްފުށީގައި އޯލެވެލް އިމްތިހާނު ހަދާ ސްކޫލުތައް ކަމަށްވާ އަފީފުއްދީން ސްކޫލުގެ އިތުރުން ޖަލާލުއްދީން ސްކޫލު އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ހިމެނޭ މަގުތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
އޭއީސީ އަދި ޖަލާލުއްދީނުން ކުރި އިއުލާނުގައި ބުނީ އިމްތިހާނު ހިނގަމުންދާ ވަގުތު ސްކޫލު ހިމެނޭ ސަރަހައްދު އަޑުމަޑުކުރުމުގެ ގޮތުން އޭއީސީ އަދި ޖަލާލުއްދީން ސްކޫލު ދޭތެރެ ގޯޅި (މަނާޒު ގޯޅީ) އިތުރުން ޖަލާލުއްދީން ސްކޫލު ބިއްދޮށު މަގު އަދި ދަރަށްދާ މަގު ހެނދުނު 09:25 ން 10:35 އަށް ބަންދު ވާނެ ކަމަށެވެ.
އަފީފުއްދީން ސްކޫލުން ބުނީ 09:25 ން ފެށިގެން އިމްތިހާނު ނިމެންދެން އަފީފުއްދީން ސްކޫލު ހުޅަނގު މަގު (ފުނަވަލު މަގު) ބަންދުވާނެ ކަމަށެވެ.
މީގެ ކުރިން ވެސް އައިޖީސީއެސްއީ އިނގިރޭސި އިމްތިހާނު ހަދާތީ ސުކޫލުތައް ހިމެނޭ ސަރަހައްދުތައް ބަންދުކުރެއެވެ.
މިދިޔަ ސެޕްޓެމްބަރު 20ގައި ފެށި މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 8000 ވުރެ ގިނަ ދަރިވަރުންނާ އިމްތިހާނު ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.




