ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހުއްޓުމެއް ނެތި ރޭންފެށިގެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހދ ނޮޅިވަރަމާއި ނޮޅިވަރަންފަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިޖެވެ.
ނޮޅިވަރަމް ކައުންސިލް ރައީސް އަހުމަދު އާމިރު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ވިއްސާރައިގެ އަސަރު ނުކުރާ ގެއެއް އެ ރަށުގައި ނެތްކަމަށެވެ. އެ ގޮތުން ރަށުގެ 90 ޕަސެންޓް ގެއަށް ވިއްސާރައިގެ އަސަރުކޮށް އެކިވަރުގެ ގެއްލުން ވަނީ ވެފައި ކަމަށެވެ.
ފެންވަދެ ގެންލުވެ ދިރިނޫޅެވޭވަރުވެގެން، ނޮޅިވަރަމުން ބައެއް އާއިލާތައް ވަނީ އެހެން ގެތަކަށް ބަދަލުކުރަން ވެސް ޖެހިފައެވެ.
އާމިރު ވިދާޅުވީ ރަށުގެ 5 ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ފެންހިންދުމުގެ މަސައްކަތުގައި ނޮޅިވަރަން ޕޮލިސް ސްޓޭޝަނާއި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބޭކަން އާމިރު ފާހަގަކުރެއްވި އެވެ.
އަދި މި ހާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ ނޮޅިވަރަންފަރުގައި ވެސް ވަރަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، 60 އަށް ވުރެ ގިނަ ގެއަކުން ރިޕޯޓްކޮށް 20 ގެއަކުން މީހުން އެހެން ގެތަކަށް ބަދަލުކޮށްފައިވާކަމަށެވެ. އެ ރަށުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު، އަދިވެސް އެ ރަށަށް ވާރޭ ވެހެމުންދާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
ނަދީމް ވިދާޅުވީ މި ވިއްސާރައިގައި އެންމެ ފެންބޮޑުވެފައިވަނީ ޗައިނާ އަވަށުގައި ކަމަށެވެ. ނަދީމް އިތުރަށް ވިދާޅުވީ ރަށުގެ ނަރުދަމާއަށް ކިރިޔާ ވިއްސާރަ ވިޔަސް މައްސަލަ ދިމާވާކަމަށާއި އެކަމަށް ހައްލު ބޭނުންވާކމަށެވެ.
އެންޑީއެމްއޭއިން ބުނީ ވިއްސާރައިގެ އަސަރުކޮށްފައިވާ މި ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާ ގުޅިގެން އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.



