twitterviber whatsapp telegramfacebookyoutube instagram
20th April 2024

“ގެޓް ސެޓް”އަކީ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުސަތެއް: ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ ޝުކޫރު

Jan 19, 2015

ރައީސް ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު އެއް ސިޔާސަތު ކަމަށްވާ ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ ޕްރޮގްރާމް “ގެޓް ސެޓް” އަކީ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަބްދުއްޝުކޫރު ވިދާޅުވެއްޖެ އެވެ.

“ގެޓް ސެޓް” އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ކުޅުދުއްފުށީގައި މިއަދު ފެއްޓި ބައްދަލުވުމުގެ ހަވާސާގައި “ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަވަމުން އަބްދުއްޝުކޫރު ވިދާޅުވީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށްވެސް މި ފުރުސަތުގެ ބޭނުން ހިފިދާނެ ކަމަށާއި މިއީ އަމިއްލައަށް ކޮޅަށް ތެދުވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

“ގެޓް ސެޓް” ޕްރޮގްރާމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭ ޒުވާނުންވެސް “ގެޓް ސެޓް”އާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ވިޔަފާރީއެއް ފެށުމަށް ލިބޭ މި ފުރުސަތުގެ ބޭނުން ހިފުމަށް އަބްދުއްޝުކޫރު ގޮވާލެއްވި އެވެ. އަދި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަށް އެހެން ޒުވާނުންނަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށްވެސް އޭނާ އެދިލެއްވި އެވެ.

“ގެޓް ސެޓް” ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނަކީ ސަރުކާރުގެ ރައްކާތެރިކަމާއެކު ރަހުނަކާނުލާ ޒުވާނުންގެ ވިޔަފާރި ހިޔާލުތައް ހަގީގީ ވިޔަފާރިތަކަކަށް ބަދަލުކުރެވޭނެ ގޮތަށް ޕްލޭން ކޮށްފައިވާ ލޯން ސްކީމެކެވެ.

ލޯނު ދޫކުރުމުގައި ވިޔަފާރި ހިޔާލުގެ ތަނަވަސް ކަމަށާއި އުފެއްދުންތެރި ކަމަށް ބެލޭނެ ކަމަށާއި އެ ވިޔަފާރީއެއްގެ ސަބަބުން ރަށަށާއި ކައިރީގައިވާ އެހެން ރަށްތަކަށް ކުރާނެ އިޖުތިމާއީ ފައިދާތަކަށްވެސް ބެލޭނެ ކަމަށް ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރ ވިދާޅުވި އެވެ. އަދި އެ ވިޔަފާރީއެއްގެ ސަބަބުން އިތުރު ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބޭ މިންވަރާއި އަންހެނުން ބާރުވެރިކުރުވާ މިންވަރުވެސް ލޯން ދިނުމުގެ ކުރިން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްޝުކޫރު ވިދާޅުވީ “ގެޓް ސެޓް”އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ކުޅުދުއްފުށީގައި ކުރިއަށްދާ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން ހއ އަތޮޅުގައި ބޭއްވި ބައްދަލުވުންތަކަށްވެސް ޒުވާނުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކީ ޒުވާނުންނަށް “ގެޓް ސެޓް”އާ ބެހޭގޮތުން މައުލޫމާތުދީ އޭގެ ބޭނުން ހިފާ ޒުވާނުން އިތުރު ކުރުން ކަމަށް ޝުކޫރު ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ޒުވާނުންނަށް ހޭދަކުރެވިގެން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ބެނުމަކީ ސަރުކާރުން ރާވާފައިވާ ގޮތުގެ މަތިން އިގްތިސާދު މުއްސަނދިކޮށް ފުޅާކުރުމަށްޓަކައި އައު އިގްތިސާދީ ދާއިރާތަކުގައި ޒުވާނުންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.

މި ލޯނަށް އެދި ހުށަހެޅޭނީ 18 އަހަރާއި 35 އަހަރުގެ ދެމެދުގެ މަދުވެގެން 2 ޒުވާނަކު ގުޅިގެން ހުށައަޅާ އުފެއްދުންތެރި އަދި ބިނާކުރުވަނިވި ވިޔަފާރި ހިޔާލުތަކަށް ކަމަށް ޝުކޫރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355