twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

Sep 22, 2010

ކުޅުދުއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއަދު ހެނދުނު ކުޅުދުއްފުށީގައި ފެށި މިމަޝްރޫޢުގެ ދަށުން ކުޅުދުއްފުށިން 28.5 ހެކްޓަރ ގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދު ކުރައްވައިގެން ހިންގަވާ މިމަޝްރޫއަށް ޖުމްލަ 109 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެއެވެ. ސަރުކާރުން މި ޕުރޮޖެކްޓް ހަވާލުކޮށްފައިވަނީ، ނެދަރލެންޑްގެ ބޮސްކާލިސް އަށެވެ. ސަރުކާރުން ކުރިން އިއުލާނު ކޮށްފައިވަނީ މި މަޝްރޫއު ކޮންޓްރެކްޓް ފައިނޭސް އުސޫލުން ހިންގުމަށް ކަމުގައި ވީނަމަވެސް އެކަމަށް ޝައުގުވެރިކަން އެއްވެސް ފަރާތަކުން ފާޅުކޮށްފައި ނުވާތީ މި މަޝްރޫއު މިހާރު ކުރިއަށް ގެންދަވަނީ ސަރުކާރުން ހަރަދު ކުރައްވައިގެން ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އައްހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށްޓަކީ ބިމުގެ ދަތިކަން ފޯރާފައިވާ ރަށެކެވެ. އިތުރަށް ގޯތި ދޫކުރާނެ ސަރަހައްދު ނެތް އިރު މިމަޝްރޫއު ނިމުމާއެކު ކުޅުދުއްފުށީގެ ބިމަށް ވަރަށް ބޮޑު ޖާގައެއް އިތުރު ވެގެންދާނެއެވެ. ކުޅުދުއްފުށީގެ ރައްޔިތުން ވަރަށް ކުރިއްސުރެ ދެކެމުން އައި މިހުވަފެން މިއަދު މިވަނީ ހަގީގަތަށް ވުމުގެ އެންމެ ފަހު މަރުހަލާގައެވެ.

ކުޅުދުއްފުށިން ހިއްކާ 28.5 ހެކްޓަރުގެ (285000 އަކަ މީޓަރ) ބިން، ހިއްކާ ނިމޭއިރު އަލަށް ހަދާފައިވާ ބަނދަރު ސަރަހައްދާ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ނިމުމުން އެސަރަހައްދުން ގޯތި ދޫކުރާނެ ކަމަށާއި އަދި ވިޔަފާރީގެ ތަފާތު ބޭނުންތަކަށްވެސް އެ ސަރަހައްދުން ބިން ދޫކުރާނެކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރާ ދިމާއިން މިއަދު ހިއްކަން ފެށި އިރު ބޮސްކާލިސްގެ “ކްއީން އޮފް ދަ ނެދަލޭންޑް” އިން އެސަރަހައްދަށް އެޅުމަށް ވެލި ނަގަމުންދަނީ ހއ އަތޮޅުގެ ބޭރު ސަރަހައްދަކުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އަލަށް ހިއްކާ ސަރަހައްދުގެ ރިވެޓްމަންޓް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްގެން ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް ހައުސިން އިން މައުލޫމާތު ދެއެވެ. ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ނިންމާލެވޭނެކަމަށް ބޮސްކާލިސް އިން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355