twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ހުއްޓާލައިފި

Sep 24, 2010

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ހުއްޓާލުމަށްފަހު މި އިންތިޚާބު ބާއްވާނޭ ދުވަހެއް އަލުން އިޢުލާންކުރާ ގޮތަށް އެމްޑީޕީން ހަމަޖައްސައިފިއެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވީ މިއިންތިޚާބުގެ ވޯޓުލުން ހުއްޓާލީ ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ އެދިވަޑައިގެންނެވުމުގެ މަތިން ކަމަށެވެ.

ގިނަ ފަހަރުތަކެއްގެ މަތިން ލަސްވަމުން އައި މިއިންތިޚާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 2 ޖެހި އިރު ފަށައިގެން ވަރަށް ފުރިހަމަޔަށް ކުރިޔަށްދަނިކޮށް، މިއިންތިޚާބުގެ އެސްއެމްއެސް ވޯޓު ފޮނުވާ ޔޫކޭގެ ނަންބަރަށް މެސެޖްތައް ޑެލިވަރ ވުމުގައި މައްސަލަތައް ކުރިމަތިވާން ފެށުމުން، ގިނަ ކެންޑިޑޭޓުންގެ އެދުމުގެ މަތިން އިންތިޚާބު ކެންސަލްކުރި އިރު، ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ގޮސް މިއިންތިޚާބަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީގެ ދެ ދާއިރާގެ ތެރެއިން އުތުރު ދާއިރާގެ ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ އަބްދުލް ޣަފޫރު މޫސާއެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސްކަމަށް ކުރިމަތި ލާފައިވާ ދެ ބޭފުޅުންނަކީ، މ ވައިޓްސޭންޑް ފާތިމަތު ޝަހީދާ އާއި ހދ ކުޅުދުއްފުށި ކޯދު ޢާދަމް ވަހީދު ޢަލީ އެވެ.

މިއަދު ހުއްޓާލަން ޖެހުނު އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލަސްތަކެއްނުވެ އޮންނާނެ ކަމަށާއި، މި އިންތިޚާބު ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ މާދަމާ އޮންނަ އިންތިޚާބާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށްފަހު ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި އެސްއެމްއެސްއިން ވޯޓުލުން ކުރިއަށް ގެންދަނީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ ޕޯލް އެވްރީވެއަރ ކިޔާ ކުންފުންޏަކާއި ގުޅިގެންނެވެ. އަދި މިއިންތިޚާބުގެ ވޯޓުލާ އެސްއެމްއެސް ފޮނުވަން ޖެހެނީ އިނގިރޭސި ވިލާތުގެ ނަންބަރަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355