twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޖަލާލުއްދީން ސްކޫލްގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފި

Oct 2, 2010

ސްކޫލުން ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭގެ ފަރާތުން، ކާބޯތަކެތީގެ މައުރަޒެއް ބާއްވައިފިއެވެ. ހުކުރު ދުވަހު މެންދުރުފަހު 2:30 ން 5:30 ށް ސްކޫލް ހޯލުގައި ބޭއްވި މި މައުރަޒު ހުޅުވައިދެއްވީ، މަތިއުތުރު ޕްރޮވިންސް އޮފީހުގައި އިކްނޮމިކްސް ޑިވެލޮޕްމަންޓް މިނިސްޓްރިން ގާއިމްކޮށްފައިވާ ވިޔަފާރި ތަރައްގީކުރުމާއި ބެހޭ ސެންޓަރުގެ ކޮންސަލްޓެންޓް ސޯލިހް ހުސައިންއެވެ.

މައުރަޒު ހުޅުވައިދެއްވަުމުގެ ގޮތުން އޭނާ ދެއްކެވި ވާހަކަފުޅުގައި، ކާބޯތެކެތީގެ މައުރަޒަކަށް ކާބޯތަކެތި އުފެއްދުމުގެ ބަދަލުގައި ވިޔަފާރިއަކަށް އެތަކެތި އުފެއްދައި އާމްދަނީއެއް ހޯދުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން އުފައްދާ ތަކެތި ޕެކްކޮށް ބާޒާރަށް ނެރުމުގައި އެހީތެރިވެވިދާނެ ގޮތްތަކަކާއި ބެހޭގޮތުންނާއި ކުޅުދުއްފުއްޓަށް ޚާއްސަ ކާބޯތަކެތީގެ އުފެއްދުންތައް ވިޔަފާރި އުސޫލުން އުފެއްދުމާއި ބެހޭ ދިރާސާތައް ކުރުމަށް ވިޔަފާރި ތަރައްގީކުރުމާއި ބެހޭ ސެންޓަރުން ވިސްނާ ވާހަކަ ވިދާޅުވިއެވެ. އަދި މިފަދަ ފުރުސަތެއް ދެއްވި ކަމަށްޓަކައި ސްކޫލުގެ ވެރިންނަށާއި ސްކޫލުޕީޓީއޭ އަށް އެމަނިކުފާނު ޝުކުރު ދެންނެވިއެވެ. މައުރަޒް ހުޅުވައި ދެއްވުމަށް ފަހު އެމަނިކުފާނު މައުރަޒް ބައްލަވައި ލެއްވިއެވެ.

މި ހަފްލާގައި މިސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ސައީދު އަހްމަދު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި  ސްކޫލުން ދެއްވި ދައުވަތު ގަބޫލު ކުރަށްވާ  މިމައުރަޒް ޝަރަފްވެރި ކޮށްދެއްވުމަށް ވަޑައިގެންދެއްވި ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ. އަދި މިފަދަ މައުރަޒްތައް ބޭއްވެމުން މިދަނީ ބެލެނިވެރިންގެ ފުރިހަމަ އެއްބާރުން ލިބިގެންކަން އެމަނިކުފާނު ފާހަގަ ކޮށް ބެލެނިވެރިންނަށާއި މިފަދަ ކަންކަމުގައި މިސްކޫލަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވާ ފަރާތްތަކަށާއި ސްކޫލުގެ މެނޭޖްމަންޓަށާއި ޕީޓީއޭ ގެ ހިންގުންތެރި ވެރިންނަށް ޝުކުރު ދެންނެވިއެވެ.

މިމައުރަޒަކީ ޕީޓީއޭ އަށް ފައިސާ ހޯދުމުގެ ގޮތުން ބޭއްވުނު މައުރަޒެއް ކަމަށާއި އަދި މިމައުރަޒުން ލިބޭ ފައިސާ ދަރިވަރުން އެކި އެކި ކަންކަމަށް ހަރަދު ކުރެވޭނެ ކަމަށް ޕީޓީއޭއިން މައުލޫމާތު ދެއްވައެވެ. މައުރަޒު އާއްމުކޮށް ހުޅުވާލިތާ މާ ގިނައިރުތަކެއްނުވެ، ބައިވެރިކޮށްފައިވާ ހުރިހާ ބާވަތެއް ކަހަލަގޮތަކަށް ވަނީ ވިކި ހުސްވެފައެވެ. މި މައުރަޒުން، ޕީޓީއޭ އަށް ބާރަހާސް ފަސްސަތޭކަ ތިރީސް ހަތްރުފިޔާ ލިބިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355