twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑިމޮކްރަސީ ވީކުގެ ހަރަކާތްތަކަށް ހޯރަފުށި ތައްޔާރުވަނީ

Feb 7, 2016

މި ފެބްރުއަރީ މަހު 16 އިން 20 އަށް ހއ ހޯރަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑިމޮކްރަސީ ވީކަށް ހޯރަފުށިން ދަނީ ތައްޔާރު ވަމުން ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް އަލީ އާރިފް ވިދާޅުވީ ޑިމޮކްރަސީ ވީކަށް ކައުންސިލުން ވާންޖެހޭ ތައްޔާރީތައް ދަނީ ކުރެވެމުން ކަމަށާއި އެގޮތުން ރަށް ޒީނަތްތެރި ކުރުމާއި ރަށަށް އަންނަ މެހެމާނުން ތިބޭނެ އިންތިޒާމުތައް ކުރެވެމުން ދާ ކަމަށެވެ.

ޑިމޮކްރަސީ ވީކް ފެށުމަށް ހަަމަޖެހިފައިވަނީ 14 ފެބްރުއަރީ ވާ އާދިއްތަ ދުވަހު މާލޭގައި ބާއްވާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަކުންނެވެ.  ލޭ ހަދިޔާ ކުރުމުގެ އިތުރުން އިތުރު ދެ ހަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ މާލޭގެ ހުރިހާ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ސިވިކް އެޑިއުކޭޝަން ޕްރޮގްރާމަކާއި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުމުގެ މައުޟޫގެ މައްޗަށް ބާއްވާ ބަހުސެކެވެ.

ހޯރަފުށީގައި ޑިމޮކްރަސީ ވީކްގެ ޕްރޮގްރާމްތަށް ފެށިގެންދާނީ 16 ވަނަދުވަހު އެވެ.  އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ބޮޑެތި މީހުންގެ ބަހުސް، ފުޓްބޯޅަ މެޗް، ޑިމޮކްރަސީ ސްޓޯލްސް، ބީޗް ފެސްޓިވަލް، އާއިލީ ހަވީރު، ދުއްލިސާ އަދި ބޮޑެތި މީހުންނަށް ބާއްވާ ކުއިޒް ޗެލެންޖެއް ހިމެނެއެވެ

އެގޮތުން ބޮޑެތި މީހުންގެ ބަހުސަކީ ހއ ރަށްތަކުގެ ކައުންސިލްތަކުގެ މެދުގައި ބޭއްވޭ ބަހުސް މުބާރާތެކެވެ. މި މުބާރާތް 16 ވަނަ ދުވަހު އަދި 18 ވަނަ ދުވަހު ކުރިއަށް ދާނެ އެވެ. އަދި ފުޓް ބޯޅަ މެޗަކީ އިލެކްޝަންސް ކޮމިޝަނާއި އަދި ހޯރަފުށީގެ ހުރިހާ މުވައްސަސާތަކާއި ހޯރަފުށި ރައްޔިތުން ބައިވެރިވާގޮތަށް ބާއްވާ ރަސްމީ މެޗެކެވެ. މި މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ވަނަދުވަހު ހަވީރު އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކުރިއަށްގެންދާ މި ހަރަކާތްތަކާ ގުޅޭގޮތުން ހޯރަފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ޑިމޮކްރަސީ ސްޓޯލާއި އާއިލީ ހަވީރު ގެ މަގުސަދަކީ ޑިމޮކްރަސީގެ މައުލޫމާތު ކުދި ބޮޑު އެންމެނަށް އެއްތަނަކުން ފޯރުކޮށްދިނުމާއި އާއިލާގެ ހުރިހާ މެންބަރުން އުފާކޮށް މަޖާކޮށްލެވޭނެ ފަދަ މާހައުލެއްގާއިމް ކުރުމެވެ. ޑިމޮކްރަސީ ސްޓޯލް ކުރިއަށް ދާނީ 17 އަދި 18 ވަނަ ދުވަހު އެެވެ. އަދި އާއިލީ ހަވީރު ކުރިއަށް ދާނީ 19 ވަނަ ދުވަހުއެވެ. ބީޗް ފެސްޓިވަލްއަކީ ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވެވޭ ގޮތަށް ތަފާތު އެކި ކުޅިވަރުތަށް ހިމަނައިގެން ކުރިއަށް ގެންދެވޭ ހަރަކާތެކެެވެ. ބީޗް ފެސްޓިވަލް ހަަރަކާތުގެ ތެރޭގައި ބީޗް ވޮލީ، ވާދެމުން، ޓްރެޝަރ ހަންޓް، ފެތުމުގެ ރޭސް އަދި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ހިމެނެ އެވެ. މި ހަރަކާތް ކުރިއަށް ދަނީ 19 ވަނަދުވަހު ހެނދުނު އެވެ.

ބޮޑެތި މީހުންނަށް ބާއްވާ ކުއިޒް  ޗެލެންޖަކީ ވަގުތުން ބައިވެރިވާ ގޮތަށް އޯޑިއަންސްގެ ތެރެއިން އޮޑިޝަން ހެދި ހޮވާލެވޭ 10 ފަރާތަކުން ބައިވެރިވާ ގޮތަށް 19 ވަނަ ދުވަހު ކުރިއާށް ގެންދާ ހަރަކާތެކެވެ. ދުއްލިސާއަކީ ޑިމޮކްރަސީ ވީކުގެ ރަސްމީ ހަފްލާ އަދި އިތުރު ހަރަކާތްތަކާއި އެކު ކުރިއަށްގެންދާ ސްޓޭޖް ހަރަކާތެކެވެ. ސްޓޭޖް ހަރަކާތްތައް ކުރިއަށް ދާނީ 18 ވަނަ ދުވަހު ރޭނގަޑު އެވެ.

ޑިމޮކްރަސީއަށް މީހުން ހޭލުންތެރިކުރަން އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ޑިމޮކްރަސީ ވީކް މި ހަރާކަތް ތަކުގެ އިތުރުން މާލޭގައި އަދި ހޯރަފުށީގައި ސްކޫލް އެސެންބްލީ ސްޕީޗެއް ދެވިގެން ދާނެ އެވެ. އަދި ހޯރަފުށީގައި ޑޯޓުޑޯ އަދި ބަށި މުބާރާތަކާއި، ހޯރަފުށީ ރައްޔިތުންގެ ފަރާތުން ހާއްސަ ސްޓޭޖް ޝޯއެއް ހުށައަޅައި ދިނުމަށް ވަނީ ހަަމަޖެހިފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355