twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގައްބެއަށް މަރުހަބާ ކިޔަން ތިލަދުންމަތިވެސް ތައްޔާރު ވަނީ

Feb 25, 2016

ރާއްޖެ ވަށައި ކަތަމަރާނެއްގައި ދަތުރުކުރުމަށް މިހާރު ކަނޑަށް ނިކުމެފައި ހުރި އަބުދުލް ޢަފޫރް އަލީ (ގައްބެ)އަށް މަރުހަބާ ކިއުމަށް ތިލަދުންމަތި ތައްޔާރު ވަމުން އެބަދެއެވެ.

މިހާރު ރ. އަލިފުށީގައި ހުރި ގައްބެ ހދ މަކުނުދޫއަށް އަންނަ ފުރާނީ މާދަމާ 2 ޖަހާއިރު އެވެ. މޫސުމް ތަންދޭނަމަ ގައްބެ މަކުނުދޫއަށް ވަންނަނީ މާދަމާ ހަވީރު 4 ޖަހާ އެހާއިރު އެވެ.

އެހެން ރަށްތަކެކޭވެސް އެއްފަދައިން މަކުނުދޫގެ ރައްޔިތުންވެސް ދަނީ ގައްބެއަށް ހޫނު މަރުހަބާއެއް ކިއުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް ޝާކިރު ވިދާޅުވީ ގައްބެއަށް މަރުހަބާ ކިޔަން ރަށުގެ ހުރިހާ ރައްޔިތުން ތައްޔާރުވަމުން އަންނަ ކަމަށެވެ. ކުރުފައްޔާއި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތަކަކުން ގައްބެއަށް ހޫނު މަރުހަބާއެއް ކިއުމަށް ހަމަޖެހިފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

އަދި މަކުނުދޫގެ ހިތްގައިމު ފަޅުތެރޭގައި އޮންނަ 2 ފަޅުރަށެއް ބަލާލުމަށް ގައްބެ އެދެރަށަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މަކުނުދޫގައި އެރޭ މަޑުކުރުމަށް ފަހު އަނެއް ދުވަހު ދަތުރުފަށާނެ އެވެ. ދެން އޭނާ ދިއުމަށް ހަމަޖެހިފައިވަނީ ހއ ތުރާކުނަށެވެ. އަދި އޮތް ގޮތުން އެއަތޮޅުން ގައްބެ ދިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެރަށަށެވެ.

ތުރާކުނު ވެސް އަންނަނީ ގައްބެއަށް މަރުހަބާ ކިއުމަށް ތައްޔާރުވަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ރާއްޖެގެ އެންމެ އުތުރުގައި މީހުން ދިރިއުޅޭ ތުރާކުނަށް ދިއުމަށް ފަހު ގައްބެ ހދ ކުޅުދުއްފުއްޓަށް އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު އެވެ.

ގައްބެއަށް ހޫނު މަރުހަބާއެއް ކިއުމަށް ކުޅުދުއްފުށިން ވެސް އަންނަނީ ތައްޔާރުވަމުނެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ ގައްބެއަށް ހޫނު މަރުހަބާއެއް ކިއުމަށް ކުޅުދުއްފުށީ ބައެއް މުވައްސަސާތަކާއި ރައްޔިތުން ގުޅިގެން ތައްޔާރުވަމުން އަންނަކަމަށެވެ.

މިދިޔަ މަހުގެ 31 އިން ފަށައިގެން ރާއްޖެ ވަށައި ގައްބެ ކުރަމުން އަންނަ ދަތުރުގައި، އޭނާ ދާ ކޮންމެ ރަށަކުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355