twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަޟްހާ އީދުގެ ކުޅިވަރުތަކަށް ކުޅުދުއްފުށި ތައްޔާރު ވަމުން އެބަދޭ

Oct 28, 2010

އިބްރާހިމް ހަމީދު

ކުޅުދުއްފުއްޓަކީ އަބަދުވެސް އަޟްހާ އީދު ކުޅިވަރު ތައް ވަރަށް ފޯރި އާއި އެކު ބާއްވަމުން އަންނަ ރަށެކެވެ. މިއަހަރުގެ އަޟްހާ އީދުގައިވެސް ތަފާތު ގިނަ ކުޅިވަރު ތަކެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެެ. އެގޮތުން ކުޅުދުއްފުށީ އުތުރު އަވަށާއި ދެކުނު އަވަށުގެ ބައެއް ޒުވާނުން އިސްނަގައިގެން ތައްޔާރީ ތަކެއް ވަމުން އެބަދެއެވެ.

އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ ބޮޑު އީދު ކުޅިވަރުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ހުޅުވާލަފައިވާ ކަމަށާއި މިކުޅިވަރު ތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރީނދޫމާގޭގައި ހުންނަ ވޭވް ލެންތު އޮފީހުން ފޯމް ލިބިވަޑައި ގަންނަވާނެ ކަމަށް އުތުރުއަވަށުން މިކަން އިންތިޒާމް ކުރާ ކޮމެޓިގެ އޮފިޝަލެއްކަމަށްވާ  ފޯރަމް އާދަމް އަލީ ކުޅުދުއްފުށީ ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ

މިގޮތުން މި އަހަރު ރޭވިފައި ކުޅިވަރު ތަކުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ވާ ދެމުމާއި ، ބަރޯރޭސް ، ކެއުމުގެ ރޭސް ، ގިރިސް ހޮޅިއަށް އެރުން ފަދަ ތަފާތު ކުޅިވަރު ތަކުގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކުޅިވަރު ތަކުން ވަނަވަނަ އަށްދާ ފަރާތް ތަކަށް އިނާމު ދިނުމަށް ހަމަ ޖެހިފައިވާ ކަމަށާއި ކުޑަކުދިންގެ ހަވީރު ކުރިއަށްދާ އިރު އެކުދީންނަށް ތަފާތު ސަގާފީ ހަރަކާތްތައް ދައްކާލުމާއި ހަދިޔާ ދިނުން ހިމެނޭ ކަމަށް އާދަމް އަލީ ވިދާޅުވިއެވެ .

އުތުރު އަވަށުން މިބާއްވާ އީދު ކުޅިވަރުތައް ބޭއްވުމަށް އެހީތެރިކަން ފޯރު ކޮށް ދެއްވަނީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެމްބަރ އަބްދުލް ގަފޫރު މޫސާ ކަމަށް މިކަން އިންތިޒާމް ކުރާ ކޮމެޓިގެ ފަރާތުން އާދަމް އަލީ  މައުލޫމާތު ދެއްވައެވެ.

އަދި މީގެ އިތުރުން ކުޅުދުއްފުށީ ދެކުނު އަވަށުންވެސް މިއަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ބޭއްވުމަށް ވަރަށް ފޯރިއާއިއެކު ތައްޔާރު ވަމުން އެބަދެއެވެ.

މިގޮތުން ދެކުނު އަވަށު ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ކާށިދޫ ވެންޗަރސް މިއުޒިކު ގުރޫޕްގެ ހުށަހެޅުންތައް ކުރިއަށްދާނެކަމަށް ވެއެވެ.  ހައްޖުދުވަހުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް އެމިއުޒިކު ގުރޫޕް އަންނާނެ ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ފަރާތުން މައުލޫމާތު ދެއެވެ. އަދި މިއުޒިކު ޝޯވގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެކުނު އަވަށު ގޯތީގެ ހުސް ބިމުގައި ކަމަށާއި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ޝޯވ އަކާއި އެކު ޖުމްލަ 4 ޝޯވ ބޭއްވޭނެކަމަށް އީދު ކުޅިވަރު ތައް އިންތިޒާމް ކުރާ ކޮމެޓީގެ އޮފިޝަލެއް ކުޅުދުއްފުށީ ޑޮޓް ކޮމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ދެކުނު އަވަށުން މިބާއްވާ އީދުކުޅިވަރުގެ ކަންތައް ތަކަށް އެހީތެރިކަންފޯރު ކޮށް ދެއްވަނީ ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ މުހައްމަދު ނަޝީދު ކަމަށް އީދު ކުޅިވަރު އިންތިޒާމް ކޮށް ވިލަރެސް ކުރާ ކޮމެޓީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355