twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އޮންލައިން އިން އިންތިޒާމް ކޮށްގެން ކޭވައިޖީގެ އެހީތެރިކަމާއެކު ބާއްވަން ގަސްދުކުރި “ކުޅުދުއްފުށި އޮންލައިން ލޯކަލް ކައުންސިލް ބަހުޘް 2011” ނުބާއްވާގޮތަށް ހަމަޖައްސައިފި

Jan 10, 2011

ކުޅުދުއްފުށީ އޮންލައިން އިން އިންތިޒާމުކޮށްގެން ކޭވައިޖީގެ އެހީތެރިކަމާއެކު، ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މެދުގައި ބާއްވަން ހަމަޖެއްސި ބަހުޘް ނުބާއްވާގޮތަށް ނިންމައިފިއެވެ. ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ 19 ކެނޑިޑޭޓުންގެ މެދުގައި ބާއްވަން ގަސްދުކުރި ބަހުޘަށް ކެނޑިޑޭޓުންގެ ފަރާތުން އެކަށީގެންވާ ވަރަށް އެއްބާރުލުން ލިބިފައިނުވާތީ، މިމަހުގެ 21 ވަނަ ދުވަހު ބާއްވާގޮތަށް ކުރިން ހަމަޖެހިފައިވާ ބަހުޘް ނުބާއްވާގޮތަށް ނިންމިއިރު، ބަހުޘްގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވަނީ އެންމެ 04 ކެނޑިޑޭޓުންނެވެ.

ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ 19 ކެނޑިޑޭޓުންގެ މެދުގައި ބަހުޘް ބާއްވަން ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ތިލަދެކުނު ސިނަމާގައެވެ. އެގޮތުން، ބަހުޘްގައި ބައިވެރިވުމުގެ ކުރިން ކެނޑިޑޭޓުންނަށް މައުލޫމާތު ދިނުމަށްޓަކައި މިމަހުގެ 04 ވަނަ ދުވަހު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބައްދަލުވުމެއް ބޭއްވުނެވެ. އެބައްދަލުވުމުގައި އެމްޑީޕީ، ޑީއާރުޕީ، އަދާލަތު ޕާޓީ އަދި ގައުމީ އިއްތިހާދުގެ ކެނޑިޑޭޓުންގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއެކު ޖުމްލަ 12 މީހުން ބައިވެރިވެފައިވެއެވެ.

“ކުޅުދުއްފުށި އޮންލައިން ލޯކަލް ކައުންސިލް ބަހުޘް 2011” ބޭއްވުމަށް ރޭވިފައިވާ ގޮތަކީ، 04 ބުރަކަށް ބަހާލައިގެން ކޮންމެ ކެނޑިޑޭޓަކަށްވެސް ފުރަތަމަ ބުރުގައި ތައާރަފުވުމަށް ފުރުޞަތު ދިނުމެވެ. އަދި ދެވަނަ ބުރުގައި ކެނޑިޑޭޓުންނަށް ކުރިން ސިއްރުކުރެވިފައިވާ 03 ސުވާލަށް ޖަވާބު ދޭންޖެހެއެވެ. އަދި ތިންވަނަ ބުރުގައި ކެނޑިޑޭޓުންނަށް ބަހުޘްގެ ކުރިން ފޮނުވިފައިވާ ސުވާލުތަކުގެ ތެރެއިން ގުރުއަތުން ދިމާވާ 02 ސުވާލަކަށް ޖަވާބު ދޭންޖެހެއެވެ. ހަތަރުވަނަ ބުރުގައި އެ ކެނޑިޑޭޓަކު ހޮވަންޖެހެނީ ކީއްވެގެންކަން ބުނެދިނުމާއެކު، ރައްޔިތުންނާ ހިއްސާކުރަން ބޭނުންވާ މެސެޖެއް އޮތްނަމަ އެކަމަށްޓަކައި ވަގުތު ދޭގޮތަށް ހަމަޖެހުނެވެ.

މިމަހުގެ 04 ވަނަ ދުވަހުގެ ރޭ ކެނޑިޑޭޓުންނަށް ބަހުޘް ރޭވިފައިވާ ގޮތުގެ މައުލޫމާތު ދިނުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ބަހުޘްގެ ދެވަނަ ބުރުގައި ކެނޑިޑޭޓުންނަށް ސިއްރުކުރެވިފައިވާ 03 ސުވާލު “ސިއްރެއްގެ” ގޮތުގައި އޮވެދާނެ ކަމާމެދު ޑިއާރުޕީގެ ފަރާތުން އެރޭގެ ބައްދަލުވުމުގައި ބައިވެރިވި ކެނޑިޑޭޓު ވަނީ ސުވާލު އަފައްދާފައެވެ. އަދި، އެޕާޓީގެ ތެރޭގައި އެކަމާމެދު މަޝްވަރާކުރުމަށްފަހު ބަހުޘްގައި ބައިވެރިވުމާމެދު ގޮތެއް ނިންމާނެކަމަށް އެރޭގެ ބައްދަލުވުމުގައި އެފަރާތުން ބުނެފައިވެއެވެ.

ބަހުޘްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 06 ވަނަ ދުވަހުގެރޭ 2200 ގެ ކުރިން ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމަށް ވާނީ ދެންނެވިފައެވެ. ނަމަވެސް، ބަހުޘްގައި ބައިވެރިވުމަށް ދެވިފައިވާ ސުންގަޑި ހަމަވިއިރު، ބަހުޘްގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވަނީ، އެންމެ 04 ކެނޑިޑޭޓުންނެވެ. އެ ބޭފުޅުންނަކީ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ކުޅުދުއްފުށީ ޒަމާނީގެ ޙަމްޒާ ޙަސަން އާއި އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކުޅުދުއްފުށީ ނޫރާނީމާގެ މުޙައްމަދު ޖަމްޝީދު އާއި ޤައުމީ އިއްތިހާދުގެ ފަރާތުން ވާދަކުރައްވާ ކުޅުދުއްފުށީ ރަންދި ޢާއިޝަތު ސަހުމާ އާއި އަދި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވާ ކުޅުދުއްފުށީ ހެމްލިން މޫސާ ޢަލީއެވެ.

މިބަހުޘްގައި ސަރުކާރު ހިންގާ އެމްޑީޕީގެ އެންމެ ކެނޑިޑޭޓަކު ފިޔަވާ ދެންތިބި އެއްވެސް ކެނޑިޑޭޓަކު ބައިވެރިވެފައި ނުވާތީ އާއި އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ޑީއާރުޕީގެ ފަރާތުން އެއްވެސް ކެނޑިޑޭޓެއް ބައިވެރިވެފައި ނުވާތީ އާއި އަދި ހަމަ އެހެންމެ ބަހުޘްގެ ދެވަނަ ބުރު ރޭވިފައިވާ ގޮތާއިމެދު ޑީއާރުޕީން ސުވާލު އުފައްދާފައިވާތީ، ހުރިހާ ކެނޑިޑޭޓުންގެ މެދުގައި މަޝްވަރާކުރެވިގެން ބަހުޘް ބައްޓަން ކުރުމަށް ކުޅުދުއްފުށީ އޮންލައިން އިން ބޭނުންވި ހިނދު، ދެވަނަ މަޝްވަރާ ބައްދަލުވުމަކަށް ޕާޓީ ތަކުގެ މަންދޫބުންނަށާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެނޑިޑޭޓުންނަށް ދެންނެވުނެވެ. މި މަޝްވަރާ ބައްދަލުވުމުގައި ބަހުޘްގެ ދެވަނަ ބުރުގައި ސިއްރުކޮށްފައިވާ 03 ސުވާލު އުނިކޮށް އެހެން ގޮތަކަށް ބަދަލު ކުރުމަށް ކުޅުދުއްފުށީ އޮންލައިން އިން ތައްޔާރަށް އޮތްކަމަށް ދެންނެވުނު ކަމުގައި ވިޔަސް ޑީއާރުޕީގެ ފަރާތުން ބަހުޘްގައި ބައިވެރިވާނެކަމުގެ ފެހި ސިގްނަލް ދީފައެއްނުވެއެވެ. އަދި، ހަމައެއާއެކު އެމްޑީޕީގެ ވިސްނުމަކީ ޑީއާރުޕީން ބައިވެރި ނުވާކަމުގައި ވާނަމަ އެފަރާތުން ބަހުޘްގައި ބައިވެރި ނުވުންކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ ކެނޑިޑޭޓް މައުލޫމާތު ދީފައިވާތީ، މި ބަހުޘްއަށް ކެނޑިޑޭޓުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ނުލިބުމުގެ ސަބަބުން ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެއްސި “ކުޅުދުއްފުށީ އޮންލައިން ލޯކަލް ކައުންސިލް ބަހުޘް 2011” ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355