twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސަރުކާރާ އެމްޑީޕީއިން ހަވާލުވެމިވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުޅުދުއްފުށީގެ އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލިފައި ނޯންނާނެ: އުތުރު ދާއިރާގެ މެންބަރު ޤަފޫރު

Jan 14, 2011

އިބްރާހިމް ހަމީދު

ސަރުކާރާ އެމްޑީޕީއިން ހަވާލުވެ މިވީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުޅުދުއްފުށީގެ އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލިފައި ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލް ކުރަށްވާ އެމްޑީޕީގެ މެމްބަރު އަބްދުލްޤަފޫރު މޫސާ ވިދާޅުވެއްޖެއެވެ. އަބްދުލްޤަފޫރު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ އަރުމާޒުގޮފިން އިންތިޒާމުކޮށްގެން ރޭ އަމީރު އަމީން ސްކޫލާދިމާލު އަތިރި މަތީގައި ބޭއްވިޖަލްސާގައެވެ.

ޖަލްސާ ޝަރަފްވެރި ކޮށްދެއްވި އަބްދުލްޤަފޫރު ޖަލްސާގައި ވާހަކަފުޅު އިތުރަށް ކުރިޔަށް ގެންދަވަމުން ވިދާޅުވެފައިވަނީ ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އުނދަގޫ ކުރުމަށް އިދިކޮޅު ފަރާތް ތަކުން ކުރަމުން ގެންދާ މަސައްކަތްތަކަކީ މިއަދު އެމްޑީޕީ ސަރުކާރުން ގަބޫލު ކުރާނެ ކަންތައްތަކެއް ނޫން ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަނީ ސަރުކާރުން ވީވައުދުތައް ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ފުއްދައިދިނުމަށެވެ.

“މިސަރުކާރު އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންނަށް އިލާސްތެރިކަމާއިއެކު ހިދުމަތް ކޮށްދިނުމުގައި” ޤަފޫރުގެ ވާހަކަފުޅު އިތުރަށް ކުރިޔަށް ގެންދަވަމުން ވިދާޅުވިއެވެ. “އަދި މިރަށުން މިހޮވާ ކެންޑިޑޭޓުންނަކީ ކުޅުދުއްފުށީ ރައްޔިތުންނަށް ހެޔޮހިތުން އިހުލާސްތެރިކަމާއެކު ހިދުމަތް ކޮށްދޭންޖެހޭ ބަޔެއް. މިބޭފުޅުން ފަދަ ކޮރަޕްޝަނާއި ފަސާދަޔާއި ފިތުނަޔާއި ވަޒީފާއާއި ޒާތީ ތައައްޞަބާއި އަމިއްލަ އެދުމުން އެއްކިބާވެ ތިބޭ ބަޔަކު ނެރެގެން ނޫނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތެއް ނުދެވޭނެ.”

މިގޮތުން ކުޅުދުއްފުށީގެ ފަސްގަނޑުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓުން ވަރުގެ ގާބިލް އެހެން ބަޔަކު ކުޅުދުއްފުށީ ރައްޔިތުންނަށް ހިދުމަތްކުރާކަށް ކައުންސިލް އިންތިހާބުގައި ކުރިމަތިލާފައި ނެތްކަމަށާއި، އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ރައްޔިތުންގެ ކިބައިން ޤަފޫރު އެދިލެއްވިއެވެ.

މިޖަލްސާ ތައާރަފް ކުރުމުގެ ގޮތުން ވާހަކަ ދެއްކާފައިވަނީ ނަސްރުﷲ އިސްމާއީލެވެ. މިޖަލްސާގައި ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފާއި ހދ އަތޮޅުގައި އެމްޑީޕީން ކައުންސިލް އންތިހާބުގެ ކަންތައްތައް ބަލަހައްޓާ ވިލަރެސް ކުރުމަށް އުފައްދާފައިވާ ކޮމެޓީގެ ކޯޑިނޭޓަރު އާދަމް ޝަރީފާއި އަތޮޅު ކައުންސިރުކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ވާހަކަ ދެއްކެއެވެ.

މިގޮތުން ކުޅުދުއްފުށީ ދެކުނު ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އަދި އެމްޑީޕީގެ ދެކުނު ދާއިރާގެ ރައީސް އާދަމް ވަހީދު ދެއްކި ވާހަކައިގައި ކުރިމަތީގައި މިއޮތީ ވަރަށް މުހިއްމު އިންތިހާބެއްކަމަށާއި އެމްޑީޕީން ކުރި މަސައްކަތުން މިއަދު މިއޮތީ ރައްޔިތުންގެ އެދޭ ބަޔަކުހޮވުމަށް ރައްޔިތުންގެ އަތްމައްޗަށް އެފުރުސަތު ހޯދައިދީފައި ކަމަށެވެ.

އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި ތައުލީމީގޮތުން ތިލަދުންމަތީގެ ހަބަކަށް ކުޅުދުއްފުށި ހެދުމަށް ރައްޔިތުންގެ ތާއީދު ބޭނުންވާކަމަށް ވިދާޅުވެ، މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ރައްޔިތުންގެ ކިބައިން އާދަމް ވަހީދު އެދިލެއްވިއެވެ.

އަދި ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ކެންޑިޑޭޓުން ދެއްކެވި ވާހަކާގައި ސަރުކާރާއި ރައްޓެހިނޫން ބަޔަކަށް ރަށުގެ ތަރައްގީއަށް މަސައްކަތެއް ނުކޮށްދެވޭނެ ކަމަށާއި އަދި އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ ބަޔެއްކަމަށް ބުނެފައިވެއެވެ. އަދި އެކެންޑިޑޭޓުންނަކީ ކުޅުދުއްފުށީގެ ނަރުދަމާގެ މަސައްކަތް ކާމިޔާބު ކުރުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުން ކަމަށް ވިދާޅުވެ ވާހަކަ ދެއްކިއެވެ.

މީގެ ކުރިން ރައީސްކަން ކުރައްވާ ބޭފުޅާއަށް ފާޑުކިޔުމުގެ ފުރުސަތެއް ނެތް ކަމަށާއި އެހެން ނަމަވެސް މިއަދު މިގައުމުގެ ރައީސަކަށް އެހުންނެވި މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ އެމަނިކުފާނަށް ފާޑުކިޔުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވާލާފައިކަން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އަލީ މުހައްމަދުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ޖަލްސާ ފެށުމުގެ ކުރިން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ “މިޖަލްސާއަކީ ވޯޓްލާ ދުވަސް ކައިރިވަމުން އަންނާތީ ކެންޑިޑޭޓުންގެ މެދުގައި ކެމްޕޭން ރޫހު އާލާކޮށް ވަރުގަދަކުރުމާއި ޝުއޫރު ފާޅުކޮށްލުމަށް ބާއްވާ ޖަލްސާއެއް” ކަމަށެވެ.

މިޖަލްސާގައި އެމްޑީޕީގެ މެމްބަރުންނާއި ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މިޖަލްސާ ނިމިގެން ދިޔައީ ކީރިތި ގުރުއާންގެ ބަރަކާތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355