twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރައީސް ނަޝީދު ކުޅުދުއްފުށްޓަށް ވަޑައިގަންނަވައިފި

Jan 24, 2011

އިބްރާހިމް ހަމީދު

ރައީސުލް ޖުމްހުރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަވީރުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި އެވެ. އެމަނިކުފާނުގެ މިދަތުރު ފުޅަކީ މާދަމާ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައިބައިވެރި ވެ ވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިހާތަނަށް މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށެއްގައި ބޭއްވޭ ފުރަތަމަ ކެބިނެޓް ބައްދަލުވުން ބޭއްވުމަށް ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެއްނެވީ ރައްޔިތުންމަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާގެ އިތުރުން ހޯމް މިނިސްޓަރު ހަސަން އަފީފް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ފަސީހުއެވެ. އޭގެ އިތުރުން ކުޅުދުއްފުށީ އެމްޑީޕީ ދެކުނުގެ ދާއިރާގެ ރައީސް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އާދަމް ވަހީދުއާއި އެމްޑީޕީން ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ބޭފުޅުންނާއި ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސް ތަކުގެ އިސްވެރިން ބައިވެރިވިއެވެ. އަދި ރައީސުލްޖުމުހޫރިއްޔާގެ މިދަތުރުފުޅަށް ވަޑައިގެން ތިއްބެއްވި ސަރުކާރު އޮފީސް ތަކުގެ އިސްވެރިންނާއި އެމްޑީޕީގެ މެމްބަރުންގެ އިތުރުން ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެއްނެވުމަށް ކުޅުދުއްފުށީ އުތުރު ބަނދަރަށް ޖަމާވެފަ އެވެ.

ރައީސް ނަޝީދު ކުޅުދުއްފުށްޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމުގެ ގޮތުން ސްކޫލު ކުދިންގެ ބޮޑުބެރު އައިޓަމެއްވަނީ ކުރިއަށް ގެންގޮސްފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް އެއްވެފައި ތިބި ރައްޔިތުންނާއި ސަލާމް ކުރެއްވުމަށް ފަހު ހިންގަވާފައި ވަޑައިގެންނެވީ މަތިއުތުރު ޕްރޮވިންސް އޮފީހަށެވެ.

ރައީސް ނަޝީދު ކުޅުދުއްފުށްޓަށް ވަޑައިގަތުމުގެ ކުރިން ހއ ބާރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355