twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހިލޭ ފެނުގެ ހިދުމަތް ގުޅައިދިނުމަށް މިމަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް އެމްޑަބުލިޔުއެސްސީ އިން ބާރުއަޅާކަމަށް އެކުންފުނިން ހާމަކޮށްފި

Jan 26, 2011

ހިލޭ ފެނުގެ ހިދުމަތް ގުޅައިދިނުމަށް މިމަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ފުރުޞަތުގެ ބޭނުން ހިފުމަށް އެމްޑަބުލިޔުއެސްސީ އިން ބާރުއަޅާކަމަށް އެކުންފުނިން ހާމަކޮށްފި އެވެ. މިމަހުގެ 01 ން ފެށިގެން 31 އާއި ދެމެދު ފެނުގެ ހިދުމަތަށް އެދި ފޯމު ހުށައަޅާ ފަރާތްތަކަށް ހިލޭ ޑޮމެސްޓިކް ފެނުގެ ގުޅުމެއް ލިބޭނެކަމަށާއި އަދި އެފުރުޞަތުގެ ބޭނުން ހިފުމަކީ އެކުންފުނީގެ ވަރަށް ބޮޑު އެދުމެއްކަމަށް ހާމަކޮށްފައިވަނީ މިއަދު އެމް.ޑަބްލިޔު.އެސް.ސީ އިން ނެރުނު ބަޔާނެއްގައެވެ.

މިމުއްދަތުގެ ތެރޭގައި އެކުންފުނީގެ ކުޅުދުއްފުށީ އޮފީހުން ހެދުނު 9.00 އިން 12.00 އަށް އަދި މެންދުރުފަހު 2.00 އިން 4.00 އަށް ފޯމު ބަލައިގަންނާނެކަމަށާއި އަދި އެ ކުންފުނީގެ މައި އޮފީހުން ފޯމުތައް ބަލައިގަންނާނީ ހެނދުނު 8 އަކުން ހަވީރު 4 ޖެހުމާ ހަމައަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ. މިމަހުގެ  31 ގެ ކުރިން އެމް.ޑަބްލިޔު.އެސް.ސީ. ގެ ހދ. ކުޅުދުއްފުށީ އޮފީހުން ފޯމުތައް ލިބެން ހުންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ފެނުގެ ހިދުމަތަށް އެދި ހުށައަޅާ ފޯމާއި އެކު މިހާރު ކުޅުދުއްފުށީގައި ސްވަރޭޖް ކަނެކްޝަން ވައްދާފައިވާ ގޭގެ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށައެޅުމަށް ވެސް އެފަރާތުން އެދެއެވެ. އަދި ގޯތިގެދޮރު ހުންނަގޮތުން މީހުން އުޅޭ ގޯއްޗާއި މީހުން ނޫޅޭ ގޯތި ހުރުމުގެ ސަބަބުން، މީހުން ނޫޅޭ ގޯތިތަކަށް ހިދުމަތް ދެއްވާނީ އެކުންފުނިން ސާވޭ ކުރުމަށް ފަހުގައި ކަމަށްވެސް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތް ދޭން ފެށިފަހުން ފެނުގެ ހިދުމަތަށް އެދި 600 އަށްވުރެ ގިނަ ފޯމް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން 1600 އަށްވުރެ ގިނަ ގެތަކަށް ސްވަރޭޖް ކަނެކްޝަން ލައިދެވިފައިވާކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355