twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށި ހިމެނޭ ސަރަހައްދު ސިޓީއެއްގެ ފެންވަރަށް ތަރައްޤީ ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

Feb 2, 2011

ކުޅުދުއްފުށި ހިމެނޭ ސަރަހައްދުގައި ސިޓީއަކަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ހދ ނޭކުރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނޭކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޭކުރެންދޫ، ވައިކަރަދޫ، ކުމުންދޫ، ކުޅުދުއްފުށި، ނޮޅިވަރަން، ނޮޅިވަރަންފަރުން ހަނިމާދުއަށް، އަދި ބާރަށުން ކެލައާ ހަމައަށް، ތިލަދުންމަތީގެ މި ދުނީގައި މި އޮތް ރަށްތަކަކީ، އެމް.ޑީ.ޕީ.ގެ ތަޞައްވަރުގައި އެއް ސަރަޙައްދުގެ ގޮތުގައި ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ސަރަޙައްދެއް ކަމުގައި ވިދާޅުވިއެވެ. އަދި މިސަރުކާރުގެ މިއޮތް ތިންއަހަރުގެ ތެރޭގައި މި ސަރަޙައްދުގައި ސިޓީއަކަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރު އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޭކުރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނޭކުރެންދޫގައި ޖަލެއް ޢިމާރާތް ކުރެއްވުމަށް ސަރުކާރުން ނިންމަވައި، އެކަމުގެ މަސައްކަތް ހިންގަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ނޭކުރެންދޫއާއި، އެ ސަރަޙައްދުގެ އެހެން ރަށްރަށުގެ މީހުނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށްޓާއި އަވަށްޓެރި ބައެއް ރަށްރަށް އެއްކޮށްލައިގެން ކުޅުދުއްފުށްޓަށް ސިޓީ އެއްގެ ދަރަޖަ ދިނުމަށް ނުފެންނަކަމަށް މިދިޔަ އަހަރު ނެގު ހިޔާލު ހޯދުމުގެ ވޯޓުން ވަނީ ދައްކާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355