ސަރުކާރެއް ބަދަލުވުމަކުން އެރަށަކަށް އަންނަ ޖެހޭ ތަރައްގީއެއް ހުއްޓިގެންދާން ޖެހޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު ސަރުކާރު ބަދަލުވުމާއެކު ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާކަމަށް ވިދާޅުވެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް އަބުދުއްރަހުމާން ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ޕީޕީއެމް ހޮޅުއަށި ކައިރީގައި އަދުރޭ މިރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ސަރުކާރު ބަދަލުވުމާ ހިސާބުން ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއު ހުއްޓިފައިވާކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. ސަރުކާރުތައް ބަދަލުވުމުން ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިގެންދާން ޖެހޭނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް މިއަދު މިއޮތީ ހުއްޓިފަ. އަޅުގަނޑުމެންނަށް ލިބެން ޖެހޭ އެތަށް ވަޒީފާއެއް މިއޮތީ ގެއްލިފަ. މިއީ އަޅުގަނޑުމެން ދެރަވެ ހިތާމަކުރަން ޖެހޭ ކަމެއް.” އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މަޖިލީހަށް މިދަނީ އެފަދަ ކަންކަމާ ވަކާލަތުކޮށް ސަރުކާރާ ގުޅިގެން އެކަން ހާސިލުކުރުމަށް ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށް ރައްޔިތުންގެ ހައްގުގައި ބުންނަށް ޖެހުނު ކޮންމެ އެއްޗެއް އަދި ދާން ޖެހުނު ކޮންމެ މުވައްސަސާއެއްގެ ދޮރުގައި ޓަކި ޖަހާނެ ކަމަށެވެ.
އޭނާ މިރޭވެސް ވަނީ ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ އަގު ނެގުމުގައި ވަކި ރަށެއް ތަފާތުކުރުމެއް ނެތި ދިނުމަށް ގޮވާލާފަ އެވެ. މަޖިލީހުން ފުރުސަތު ލިބިއްޖެނަމަ އެކަންކަން ކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދުރޭ ވަނީ އޭނާގެ ފަރާތުން މަޖިލިސް ތެރޭގައި އެއްވެސް ކަހަލަ ނުރަނގަޅު، ހަޑިމުޑުދާރު އަމަލެއް ނުފެންނާނެކަމުގެ ޔަގީންވެސް ރައްޔިތުންނަށް ދީފަ އެވެ.
އަދުރޭ ވިދާޅުވީ ޝައްކެއްވެސް ނެތްގޮތުގައި އޭނާއަށް މަޖިލީހުން ފުރުސަތު ލިބިއްޖެނަމަ މަސައްކަތްކުރާނީ ތެދުވެރިކަމާއި އިޙްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމަށް ރައްޔިތުންގެ ޙާދިމެއްގެ ގޮތުގައި ކަމަށެވެ. އަދި މަޖިލީހާއި ސަރުކާރުގެ ތެރެއިން ރަށަށް އުޖާލާކަމާ ރޯޝަނީކަން ގެނެސްދޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.