ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދުނު ގޮތަށް ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އާ އިމާރާތް ހޮސްޕިޓަލުގެ އިމުގެ ތެރޭގައި ހިމަނައިދީފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ކޭއާރުއެޗުގެ އާ އިމާރާތް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ސިޓީ ކައުންސިލުގައި ހެލްތް މިނިސްޓްރީން ފުރަތަމަ އެދުނީ ހޮސްޕިޓަލުގެ އުތުރުން ނޮލެޖް ސެންޓަރާ ދެމެދުގައިވާ ބިމެވެ. އެތަނުގައި އާރުޓީއެލް ފެރީ ޓާމިނަލަށްދާ އޮންނަ ބޮޑު މަގާއި ހޮނިހިރު ބާޒާރު ހިމެނޭ ގްރީން ޒޯނާއި ކައުންސިލަށް އާމުދަނީ ލިބޭ އިމާރާތެއްވެސް ހިމެނޭ ބިމެކެވެ.
ހޮނިހިރު ބާޒާރު އޮންނަ ގްރީން އޭރިއާ އަކީ ކޮންމެ ދުވަހުވެސް އެތަކެއް ދަތުރުވެރިން ބޭނުންކުރާ ތަނެކެވެ.
މިހާރުވެސް ހޮސްޕިޓާ އޮންނަ ބިމަކީ ބިޔަ ބިމެކެވެ. އެތަނުގައި އިމާރާތްކޮށްފައިވަނީ ބިން ގެއްލޭގޮތަށް ފަތުރާލައިގެންނެވެ. އެހެންވެ ހޮސްޕިޓަލަށް އިތުރު ބިމެއް ދިނުމަކީ ރައްޔިތުންވެސް ދެކޮޅު ކަމެކެވެ.
"ހެލްތް މިނިސްޓްރީން އަޅުގަނޑުމެންނަށް އެދުނީ ހޮސްޕިޓަލުގެ އުތުރުން ނޮލެޖް ސެންޓަރު އިމާރާތާއި ހިސާބަށް އެ ބިން، ހޮސްޕިޓަލްގެ ބިމެއްގެ ގޮތުގައި އެލޮކޭޓްކޮށްދިނުމަށް އެ ބޭފުޅުން ހޮސްޕިޓަލުގެ އެކްސްޓެންޝަން ޕްރޮޖެކްޓެއް ކުރިއަށްގެންދިޔުމަށް. އަޅުގަނޑުމެން ލަހެއް ފަހެއް ނުކޮށް އަޅުގަނޑާއި އަދި ކައުންސިލްގެ ބައެއް މެންބަރުންނާއެކު [މާލެ] ގޮސް ބައްދަލުކުރިން ހެލްތް މިނިސްޓަރާ. " މޭޔަރު އާތިފް ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމްއާ ބައްދަލުކޮށްފައި ކައުންސިލުން އެދުނީ އާ އިމާރާތް ހޮސްޕިޓަލްގެ އިމުގެ ތެރެއަށް ހިމަނައިދިމަށެވެ.
[މިނިސްޓަރާ] ބައްދަލުކޮށްފަ އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެންނަށް އެބަ ފެނެހޭ ހޮސްޕިޓަލްގެ އެތެރޭގައި 15000 އަކަފޫޓްގެ ޖާގައެއް އެކްސްޓެންޝަން އިމާރާތް އެޅޭނެ ވަރުގެ. ދެން އަޅުގަނޑުމެން ޗާޓްތައް ކުރަހައިގެން ގޮސް ދައްކާފަ އެ ބޭފުޅުންނާ މަޝްވަރާކޮށްފަ އެ ބޭފުޅުން ގޮތެއް ނިންމަން ދޫކޮށްފަ އައީ. ދެން މިހާރު އެބައޮތް ވަރަށް އުފާވެރި ހަބަރެއް. މޭޔަރު އާތިފް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، ކައުންސިލުން ހުށަހެޅި ގޮތަށް އާ އިމާރާތް ހޮސްޕިޓަލުގެ އިމުގެ ތެރޭގައި ހިމެނުމަށް ނިންމައި އެކަން މިނިސްޓްރީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި އިމާރާތްކުރި އެ ހޮސްޕިޓަލުގައި އާ އިމާރާތެއް ކުރީ މިދިޔަ ސަރުކާރުންނެވެ. އެ ސަރުކާރުން ހޮސްޕިޓަލްގައި އިމާރާތްކޮށްފައިވަނީ ތިން ބުރީގެ އިމާރާތާއި އޮޕީޑީ އިމާރާތެކެވެ. އެ ދެ ތަންވެސް އިމާރާތްކޮށްފައިވަނީ ވަރަށް ބޮޑަށް ބިން ގެއްލޭގޮތަށެވެ.
ކޭއާރުއެޗުގެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދުފުޅެކެވެ.