twitterviber whatsapp telegramfacebookyoutube instagram
26th August 2026

ކޭއާރުއެޗުގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީއާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 26, 2026

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ބެލެހެއްޓުމުގެ ޒިންމާ، ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީއާ މިއަދު ހަވާލުކޮށްފި އެވެ.

އެކަމަށްޓަކާ މިއަދު ހެނދުނު އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ނޮދަރ ހެޑް އޮފް ކޮމާންޑް އޭސީޕީ އަހުމަދު ޝަމީމް އާއި އެ ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.

ގާތްގަނޑަކަށް އަހަރަކު 4.6 މިލިއަން ރުފިޔާ ހޭދަވާ މި މަޝްރޫއާއެކު ހޮސްޕިޓަލްގެ ސެކިއުރިޓީގެ ހިދުމަތް ހަރުދަނާވެ ބަލި މީހުންނަށާއި ބަލި މީހުންގެ އެހީތެރިންނާއި ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް އަދި މުވައްޒަފުންނަށް ރައްކާތެރިކަން ލިބިގެންދާނެ އެވެ.

މި ހިދުމަތާއެކު ބަލި މީހުން ކައިރިއަށް ޒިޔާރާތްކުރާ ވަގުތުތައް ކަނޑައެޅި ބަލި މީހުންގެ އެހީތެރިން އަދަދު ކޮންޓްރޯލްކުރެވިގެންދާނެ އެވެ. އެގޮތުން ވާރޑްތަކުގައި ތިބޭ ބަލި މީހުންގެ ކައިރިއަށް ޒިޔާރާތްކުރެވޭނީ ހަވީރު 17:00-19:00 އަށެވެ. އައިސީޔޫގައި ތިބޭ ފަރާތްތަކަށް ޒިޔާރާތްކުރެވޭނީ ހެނދުނު 10:30-11:00 އަށް އަދި ހަވީރު 16:30-17:00 އާ ދެމެދު އެވެ.

އައިސީޔޫއަށް ޒިޔާރާތްކުރެވޭ ކޮންމެ ވަގުތެއްގައިވެސް ބަލި މީހަކު ގާތަށް އެންމެ ގިނަވެގެން ވަދެވޭނީ ތިން މީހުންނަށް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި އައިސީޔޫއަށް ޒިޔާރާތްކުރުމުގެ ވަގުތަކީ ހޮސްޕިޓަލްގެ އެހެނިހެން ވާރޑްތަކަށް ޒިޔާރާތްކުރުމުގެ ވަގުތުން ބޭރު ވަގުތަކަށްވާތީ، އެ ވަގުތުގައި ހޮސްޕިޓަލަށް ވަދެނުކުތުމުގައި ގޭޓް 3 އަދި ވާރކްވޭގެ 'ކާނި ވިންގް' ދޮރު ބޭނުންކުރުމަށް ހޮސްޕިޓަލުން އެދެ އެވެ.

ހޮސްޕިޓަލުން ބުނީ، ކަނޑައެޅިފައިވާ ސަރަހައްދުތައް 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށާއި ހޮސްޕިޓަލަށް ޒިޔާރާތްކުރާ އެންމެހާ ފަރާތްތަކުން ހޮސްޕިޓަލްގެ މުވައްޒަފުންނާއި ޑިއުޓީގައި ތިބޭ ފުލުހުންގެ އިރުޝާދުތަކަށް އެއްބާރުލުން ދެއްވުމަށް ހޮސްޕިޓަލުން އެދެ އެވެ.

އުރުތުގެ މައި ހޮސްޕިޓަލް ކަމަށްވާ ކޭއާރުއެޗަކީ އަބަދުވެސް ކޮންމެ ދުވަހަކު ގިނަ ބަޔަކު އެއްވެ އުޅޭ ތަނަކަށް ވުމާއެކު، އެ ތަނުގެ ރައްކާތެރިކަމާއި ބަލި ފެތުރުމުގެ މައްސަލަ އޮންނަނީ ބޮޑުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355