ހދ. ކުމުންދޫގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުނި ނޭންދުމަށް ކުމުންދޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ކުމުންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުނި އެންދުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭތީ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށެވެ. އެހެންކަމުން އެއްވެސް ބާވަތެއްގެ ކުންޏާއި ފަތްކުނި އެ ސަރަޙައްދުތަކުގައި ނޭންދުމަށް އެ އިލްތިމާސްކުރާކަމަށެވެ.
ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށް ނުރައްކާވެ، ނޭދެވޭ އަސަރުތަކެއް ކުރިމަތިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، އިޖުތިމާޢީ ސުލްހަވެރިކަމާއި ރަށުގެ އާންމު މަސްލަތަށް ބުރުއަރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުނި ނޭންދުމަށާއި، ކުނި ނައްތާލުމަށްޓަކައި ކުނިކޮށްޓަށް ކުނި އެޅުމަށް ކައުންސިލުން އެދެ އެވެ.
ކައުންސިލުން ބުނީ މި އެންގުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި އާންމު މަޞްލަޙަތު ރައްކާތެރިކުރުމަށް މިފަދަ ކަންކަން ހައްލުކުރުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.




