twitterviber whatsapp telegramfacebookyoutube instagram
18th November 2026

ކުޅުދުއްފުށީ ސްޓޭޑިއަމް ފީފާގެ ސްޓޭންޑަޑަކަށް ދެން ނުފެތޭނެ: ޝައިމަން

Nov 18, 2026

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ތަރައްޤީކުރަމުންދާ ސިންތެޓިކް ޓްރެކްގެ މަސައްކަތާއެކު، ކުޅުދުއްފުށީގައި އޮތް ހަމައެކަނި ވިނަ ފުޓުބޯޅަ ދަނޑުގައި ދެން ބައިނަލްއަޤްވާމީ ފެންވަރުގެ އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް ވިދާޅުވެ، ކުޅުދުއްފުށި ސިޓީ ކައުންސިލަރު މުޙައްމަދު ޝައިމަން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު ބޭއްވި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އާންމު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކައުންސިލަރު ޝައިމަން ވިދާޅުވީ، ސިންތެޓިކް ޓްރެކަކީ ރަށުގެ ރައްޔިތުންނާއި އެތުލީޓުން ގިނަ ދުވަސްތަކެއް ވަންދެން ކުރަމުން އައި އުންމީދެއް ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ރަށުގައި އޮތް އެންމެ މުހިންމު ފުޓުބޯޅަ ދަނޑުގެ ބައިނަލްއަޤްވާމީ މިންގަނޑު ގެއްލިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެއްކަން ކުރަން އުޅުމުގެ ތެރޭގައި އަނެއްކަން މިވަނީ އެއްކޮށް ގެއްލިފަ. މީގެ ސަބަބުން އަސްލު ހާސިލު މިވީ 'ޒީރޯ' އެއްޗެއް. ކުޅުދުއްފުށިން މިއަދު މި ގެއްލިގެން ދިޔައީ ވަރަށް ބޮޑު، އަގުނުކުރެވޭ ފަދަ ފުރުސަތެއް،" ޝައިމަން ވިދާޅުވިއެވެ.

މީގެއިތުރުން ޝައިމަން ވިދާޅުވީ ދަނޑުގެ ބައިނަލްއަޤްވާމީ މިންގަނޑު ގެއްލޭ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ރަށުތެރޭގައި ކަމަށާއި، ކަމާބެހޭ މިނިސްޓްރީން މިކަން ކައުންސިލަށް ސިއްރުކުރަން މަސައްކަތްކުރި ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގާކަމުގެ މައުލޫމާތު ލިބުމުން، ކައުންސިލުގެ ސާރވޭ ޓީމް ދަނޑަށް ގޮސް ކުރި މިންއެޅުންތަކާއި ސާރވޭއިން ދަނޑު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ނުފެތޭކަން ކަށަވަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކު، ކުޅުދުއްފުށީގައި ދެން ދުވަހަކުވެސް ބައިނަލްއަޤްވާމީ ފުޓުބޯޅަ މެޗެއް ނުކުޅެވޭނެ ކަމަށާއި މިއީ މުޅި ސިޓީގެ ކުޅިވަރުގެ މުސްތަޤްބަލަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ޝައިމަން ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293