twitterviber whatsapp telegramfacebookyoutube instagram
25th October 2026

ކެނަލް ސްޕޯޓްސްގެ ބީޗްވޮލީ ގުރުނަގައިފި، އަންނަ ބުދަދުވަހު ފޯރިއާއެކު ފެށެނީ!

މުޙައްމަދު އަހުމަދު
Oct 25, 2026

ކުޅުދުއްފުށި ސިޓީ ކައުންސިލގެ ބޮޑު އެހީތެރިކަމާއެކު ކެނަލް ސްޕޯޓްސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ކެނަލް ސްޕޯޓްސް ބީޗް ވޮލީބޯޅަ މުބާރާތް 2026" ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމުބާރާތަކީ ކެނަލް ސްޕޯޓްސްއިން ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މި މުބާރާތަކީ 18 އަހަރުން މަތީގެ ދިވެހިން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށްގެން، ކުޅިވަރުގެ ރޫހު އާލާކޮށް އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތް ކުރިއަށްދާނީ ފިރިހެން އަދި އަންހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ.

އަންހެން ކެޓަގަރީގައި 8 ޓީމު ވަނީ ބައިވެރިވެފަ އެވެ. އަދި ޖުމްލަ 16 މެޗު ކުޅެވޭނެ އެވެ. އަންހެން ކެޓަގަރީން 8 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ފަޔާސްޓޯމް، ޓޫ ޝޮޓް، ޓީމް ސްޕައިކާސް އަދި ނިކަ އެވެ. ގްރޫޕް ބީގެ ޓީމުތަކަކީ ބީޗް ކުއީންސްއާއި ސޭންޑް ކުއީންސް އަދި ޓީމް ވައިބްއާއި ނޯވާ އެވެ.

ފިރިހެން ޑިވިޝަނުގައި ބައިވެރިވި ޓީމުތަކުގެ އަދަދަކީ 16 އެވެ. އަދި މިކެޓަގަރީގައި ޖުމްލަ 32 މެޗު ކުޅެވޭނެ އެވެ. އެގޮތުން ފިރިހެން 4 ގްރޫޕެއް ވާދަކުރާނެ އެވެ. ގްރޫޕް އޭއަށް ބަލާއިރު ގްރޫޕް އޭގައި ހިމެނެނީ ޓީމް ކުއްލިއާއި ކޭއެސްޔޫ އަދި ފިއްލަދޫ ބްރަދާސް އަދި ނަލަ ނަލަ ވިކާ ވިކާ އެވެ.

ގްރޫޕް ބީގައި އޯޝަން ސްޕޯޓްސް ކުލަބާއި ފެންފޯއް އަދި އިޓޯކޯއާއި ޓްރިޕަލް އެސް ހިމެނޭއިރު ގްރޫޕް ސީގައި ހިމެނެނީ އޭއެޗްބީ، އީސްޓޯމް އަދި ލާސްޓް 3ގެ އިތުރުން ޓީމް ހޫން އެވެ. ތުނޑި ބޯއިސްއާއި ޓައިޓަންސްގެ އިތުރުން ޓީމް ވައިކަރަދޫ އަދި މެވެރިކްސް ހިމެނެނީ ގްރޫޕް ޑީގަ އެވެ.

މިމުބާރާތުގެ މެޗުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ވޮލީ ކޯޓުގަ އެވެ. އަދި ބުދަ ދުވަހު މުބާރާތް ފެށޭއިރު ދެ ޑިވިޝަނުގެ ފައިނަލް މެޗުތައް އޮންނާނީ 31 އޮކްޓޫބަރު ވާ ހޮނިހިރު ދުވަހު އެވެ. މުބާރާތުގެ މެޗުތައް ކުޅެވޭނީ އެފް.އައި.ވީ.ބީ (FIVB) އިން އަމަލުކުރަން ނެރެފައިވާ "އޮފިޝަލް ބީޗް ވޮލީބޯލް ރޫލްސް" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މުބާރާތުގައި ޓީމެއްގައި 3 ކުޅުންތެރިން ހިމެނޭއިރު މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ ގްރޫޕް ސްޓޭޖާއި ނެކްސްޓް ރައުންޑްތައް ހިމެނޭ ގޮތަށެވެ. މެޗުތަކުން މޮޅުވާ ޓީމަކަށް 2 ޕޮއިންޓް ލިބޭއިރު، 2-1 ސެޓުން ނުވަތަ 2-0 ސެޓުން ބަލިވާ ޓީމަކަށް ލިބޭނީ 1 ޕޮއިންޓެވެ. މެޗަކަށް ހާޒިރުނުވެއްޖެނަމަ ނުވަތަ މެޗު ދޫކޮށްލައިފިނަމަ (ފޯފިޓްކޮށްފިނަމަ) އެ ޓީމަކަށް ލިބޭނީ 0 ޕޮއިންޓެވެ. ގްރޫޕް މެޗުތައް ނިމޭއިރު ޓީމުތަކުގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ، ވަނަ ކަނޑައެޅުމުގައި ފުރަތަމަ ބަލާނީ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެވިފައިވާ މެޗުތަކުގެ ނަތީޖާއަށެވެ.

އެއްވަރުވީ 2 ޓީމު ކަމުގައިވާނަމަ، އެ ދެޓީމު ބައްދަލުކުރި މެޗުން މޮޅުވި ޓީމަކަށް އިސްކަންދެވޭނެ އެވެ. އެއްވަރުވީ 2 ޓީމަށްވުރެ ގިނަ ޓީމުތައް ކަމުގައިވާނަމަ، ނަތީޖާ ބަލާނީ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެފައިވާ މެޗުތަކުގެ ފައިދާ ސެޓަށެވެ. މިގޮތުންވެސް އެއްވަރުވެފައިވާނަމަ، ދެން ބަލާނީ އެއްވަރުވި ޓީމުތަކުގެ މެދުގައި ކުޅެފައިވާ މެޗުތަކުގެ ފައިދާ ޕޮއިންޓަށެވެ.

މި މުބާރާތުގެ ދެ ޑިވިޝަނުންވެސް އެންމެ މޮޅު ވަނަތަކަށް ހޮވޭ ޓީމުތަކަށް ވަނީ ފައިސާގެ އިނާމުތައް ހުށަހެޅިފަ އެވެ. އެގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަށް -/3000 (ތިންހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ރަނަރަޕް ޓީމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ތިންވަނައަށް ހޮވޭ ޓީމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293