ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާ އަތުން 1-0 އިން ބަލިވެ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މުބާރާތުން ކަޓައިފި އެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖެ ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާއާއެކު މުބާރާތް ނިންމާލަން ޖެހުނު ފަހަރެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗުން ވެސް ބަލިވިއިރު، އެންމެ ލަނޑެއް ވެސް ޖެހިފައެއް ނުވެ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވި ރާއްޖެއަށް ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް އިންޑިއާއާ ދެކޮޅަށް މޮޅުވުން މަޖުބޫރުވި މެޗުގައި އިންޑިއާއިން ލީޑުނެގީ 38 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ސުހައިލް އަހުމަދު ބަޓް ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ކުރިއަށް ޖެހި، ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އިބްރާހިމް އައިސަމް، މުޒްދާން ހަސަން އަދި އީތަން އިބްރާހިމް ޒަކީއަށް ލިބުނު ރަނގަޅު ފުރުސަތުތައް އިންޑިއާގެ ކީޕަރު ޕްރިޔާންޝް ޑޫބޭ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ. މިއީ އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ކުޅުނު 23 މެޗުގެ ތެރެއިން ހޯދި 17 ވަނަ މޮޅެވެ. މިމެޗުގައި ރާއްޖެއަށް ސެމީގެ ޖާގައެއް ލިބެން އޮތީވެސް އިންޑިއާ އަތުން 3 ގޯލުގެ ފަރަގަކުން މޮޅުވެގެންނެވެ.
އުރްބާނީ މީގެ ކުރިން 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެއަށް ކޯޗުކޮށްދިނެވެ. މުބާރާތުން ކެޓުމާއެކު ކޯޗުގެ މަގާމުން އުރްބާނީ އިސްތިއުފާ ދީފައެއް ނުވެ އެވެ. ނަމަވެސް، މުބާރާތް ފެށުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ވަނީ މިއީ ކޯޗެއްގެ ގޮތުގައި އޭނާ ފެންނާނެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ގާތް ކަމަށް އިޝާރާތްކޮށްފަ އެވެ.
އުރްބާނީ ފާހަގަކުރި ގޮތުގައި އޭނާގެ މައިގަނޑު އެއްބަސްވުމަކީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމެވެ. އަދި ދިވެހި ފުޓްބޯޅަ އަލުން ކުރިއަރުވައި ކޮޅަށް ޖެހުމަށްޓަކައި ހަމައެކަނި ދަނޑުމަތީގެ ނަތީޖާއަށް ވުރެ ބޮޑަށް، ދިގު މުއްދަތުގެ ޕްލޭނަކާއި މުބާރާތްތަކުގެ އޮގަނައިޒޭޝަން ރަނގަޅުކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ބޭއްވި ތިން ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓިއިރު، މި ފަހަރުގެ ނަތީޖާއަކީ ދިވެހި ފުޓްބޯޅައިގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާކަމުގެ ސަރީހަ ހެކިދޭ ކަމެކެވެ.
* ދިވެހި ލީގު މެދުކެނޑުމާއި ކްލަބްތަކުގެ މާލީ އަޑިގަނޑު: ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގުން ބުރޫއަރައި، ގައުމީ ލީގު ގަވާއިދުން ނުކުޅެވުމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސްއާއި މެޗު ޕްރެކްޓިސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
* އެފްއޭއެމްގެ މާލީ އަދި ހިންގުމުގެ މައްސަލަތައް: އެފްއޭއެމްގެ ތެރޭގައި އުފެދިފައިވާ މާލީ ހިޔާނާތުގެ މައްސަލަތަކާއި، ކްލަބްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ކްލަބްތައް ހުއްޓުމަކަށް އައުން.
* ގްރާސްރޫޓް އަދި ޒުވާން ކުޅުންތެރިން ތަރައްގީނުކުރެވުން: އެކަށީގެންވާ ލޯކަލް މުބާރާތްތަކެއް ނުބޭއްވުމުގެ ސަބަބުން އާ ހުނަރުވެރި ކުޅުންތެރިން ގައުމީ ޓީމަށް ނުކުމެވޭނެ މަގުތައް ވަނީ ބަންދުވެފަ އެވެ.
ކުރީގެ އެފްއޭއެމުގެ ރައީސް ބައްސާމްގެ މައްޗަށް ކުރެވުނު ހިޔާނާތާއި މަނީ ލޯންޑްރިންގެ ތަފާތު މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެގޮތުން، އެފްއޭއެމްއަށް ލިބުނު ފައިސާއާއި ކޮވިޑް-19 ގެ ރިލީފް ލޯނަށް ލިބުނު ފައިސާއިން އަމިއްލަ އެޕާޓްމަންޓް (އަމީން އެވެނިއު ޕެންޓްހައުސް) ގަތުމާއި މާލީ ހިޔާނާތުގެ މައްސަލަތަކުގައި އޭނާގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ.
ފީފާގެ އެތިކްސް ކޮމިޓީން ވަނީ ބައްސާމް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން އުމުރަށް ބޭންކޮށް، 1.23 މިލިއަން އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާކޮށްފަ އެވެ. ބައްސާމް ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް، ސިއްހީ ސަބަބުތަކަށްޓަކައި މޯލްޑިވްސް ކޮރެކްޝަނަލް ސާވިސްއިން ވަނީ އޭނާ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ބައްސާމްގެ ސަސްޕެންޝަނާ ގުޅިގެން ފީފާއިން ވަނީ އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ. ނަމަވެސް، ކުރީގެ މެނޭޖްމަންޓުން ދޫކޮށްގޮސްފައިވާ 85 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ދަރަންޏާއި، ކްލަބްތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރުމުގެ ސަބަބުން، އާ ކޮމިޓީއަށް ވެސް އިދާރީ މާހައުލު ހަމައަކަށް އަޅުވައި ލީގު ގަވާއިދުން ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މިއަދުގެ މުބާރާތުން ރާއްޖެ ކެޓުމަކީ ހަމައެކަނި މެޗަކުން ބަލިވުމެއް ނޫނެވެ. އެއީ ދިވެހި ފުޓްބޯޅައިގެ ހިންގުމުގެ ނިޒާމު މުޅިން އަލުން އޮގަނައިޒްކޮށް، އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަން އަންގައިދޭ ރަނގަޅު އިންޒާރެކެވެ.




