twitterviber whatsapp telegramfacebookyoutube instagram
6th November 2026

ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ކުޅުދުއްފުށީގައި ބާއްވަނީ: ބައިވެރިވުމުގެ މުއްދަތު މިމަހުގެ 18 އާ ހަމައަށް އިތުރުކޮށްފި

މުޙައްމަދު އަހުމަދު
Nov 6, 2026

ރާއްޖޭގައި މުޅިން އަލަށް ބާއްވާ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޭންޑްބޯލް މޯލްޑިވްސްއިން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މިމަހުގެ 28 އިން އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގަ އެވެ. މިއީ މުޅި ރާއްޖޭގައިވެސް ގާއިމުކުރެވުނު ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ އެރީނާ ކުޅުދުއްފުށީގައި ހުރުމާއެކު، އެ ސިޓީއަށާއި އުތުރުގެ ކުޅިވަރަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރަޖިސްޓްރީކޮށްފައިވާ ކުލަބުތަކަށް އެކަނި ވާދަކުރެވޭ ގޮތަށް ހުޅުވާލާފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފަ އެވެ. ރާއްޖޭގައި ހޭންޑްބޯޅަ އާއި ބީޗް ހޭންޑްބޯޅަ އާންމުކޮށް ކުރިއަރުވައި، ޒުވާން ހުނަރުވެރިން އުފެއްދުމަށް ހޭންޑްބޯލް މޯލްޑިވްސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ނިމިދިޔަ ރާއްޖެ ޖޫނިއާ ހޭންޑްބޯޅަ މުބާރާތުންވެސް ވަނީ މުސްތަގުބަލު އޮތް ގިނަ ކުޅުންތެރިންތަކެއް ފާހަގަކުރެވިފަ އެވެ.

ގައުމީ ބީޗް ހޭންޑްބޯޅަ ޓީމަކީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ޓީމެކެވެ. އެގޮތުން އޮމާންގެ މަސްކަޓުގައި ބޭއްވި ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެއިން ވަނީ މުބާރާތުގެ 7 ވަނަ ހޯދާފަ އެވެ. އޭގެ އިތުރުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ "ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސް" ގައި ބަންގްލަދޭޝް 2-1 ސެޓުން ބަލިކޮށް ރާއްޖޭގެ ޓީމުން ވަނީ ލޯ މެޑެލް ހާސިލުކޮށްފަ އެވެ.

އަދި މިމުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި ބިޑް ކާމިޔާބުކޮށްފައިވަނީ ކުޅުދުއްފުށީ ކެނަލް އިންވަސްޓްމަންޓުންނެވެ. ކުޅުދުއްފުށީގައި އެޅިފައިވާ ގައުމީ ހޭންޑްބޯޅަ އެރީނާގައި މުބާރާތް ބޭއްވުމަށް ހަމަޖެހިގެންދިޔައީ މިކަމުގެ ސަބަބުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293