twitterviber whatsapp telegramfacebookyoutube instagram
6th November 2026

އެސްއެމްއީ ޑިޖިޓަލްގެ ތިން ފައިނޭންސިންގ ފެސިލިޓީއެއްގެ ލިމިޓް 10 މިލިއަން ރުފިޔާއަށް އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Nov 6, 2026

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުންތަކަށް އެންމެ އެކަށޭނަ ފައިނޭންސް ފޯރުކޮށްދިނުމަށް، އެސްއެމްއީ ޑިޖިޓަލްއިން ދޫކުރާ 3 ފައިނޭންސިންގ ފެސިލިޓީއަކަށް ކަނޑައަޅާފައިވާ ލިމިޓް 10 މިލިޔަން ރުފިޔާއަށް އިތުރުކޮށްފި އެވެ.

ފައިނޭންސިންގ ލިމިޓް އިތުރުކޮށްފައިވަނީ މުޅިން އަލަށް ވިޔަފާރި ފެށުމަށާއި ހިނގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ފައިނޭންސް ދޫކުރާ ތިން ދާއިރާއަކަށެވެ. އެއީ އެސެޓް ފައިނޭންސިންގ، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ އަދި ވެސެލް ފައިނޭންސިންގ އެވެ.

އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދިން ގޮތުގައި، ކުރިން 5 މިލިއަން ރުފިޔާއަށް ފޯރުކޮށްދެމުން އައި މި ފައިނޭންސިންގެ ލިމިޓްތައް 10 މިލިއަނަށް އިތުރުކޮށްފައިވަނީ ރާއްޖޭގެ ކުދި ވިޔަފާރިތައް ހަލުވިކަމާއެކު ކުރިއަރަމުން އަންނާތީ، އެ ވިޔަފާރިތަކުގެ މާލީ ބޭނުންތަކާއި ޑިމާންޑާ އެއްވަރަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުންނެވެ.

މިގޮތުން ލިމިޓް އިތުރުކުރި ފެސިލިޓީތަކުގެ ތެރޭގައި ހިމެނެނީ، ވިޔަފާރި މުޅިން އަލަށް ފަށަން އަދި މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށް ދޫކުރާ "އެސެޓް ފައިނޭންސިންގ" އާއި، 2 އަހަރު ވެފައިވާ ވިޔަފާރިތައް ފުޅާކުރުމަށް ކެޕިޓަލް އިންވެސްޓްމަންޓްތަކަށް ހަރަދުކުރުމާއި އާ މާކެޓްތަކަށް ވަނުމަށް މަގުފަހިކޮށްދޭ "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ގެ އިތުރުން، އުޅަނދު ގަތުމާއި ބަނުމާއި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ދޫކުރާ "ވެސެލް ފައިނޭންސިންގ" އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން އޮޕަރޭޝަންތައް ފުޅާކުރުމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، އެކަށޭނަ މިންވަރަށް ފައިނޭންސިންގ ފުރުސަތުތައް ފަސޭހައިން ލިބެން ހުރުމަކީ ވިޔަފާރިތައް ކުރިއަރައިގެން ދިއުމަށް ލިބިގެންދާ ބާރެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެ އެވެ.

މި ބަދަލާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފައިނޭންސިންގ ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރިއެރުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މި ބަދަލަކީ ވިޔަފާރިތަކަށް ވަރަށް ބޭނުންތެރި ބަދަލެއްކަމަށާއި، ވިޔަފާރިތަކުގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދީ އެ ވިޔަފާރިތައް ދެން އޮތް ހަރުފަތަށް ގެންދިއުމުގެ ބައިވެރިއެއްގެ ގޮތުގައި އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފައިނޭންސިންގ ފުރުސަތުތަކަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ.

ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފުޅާކުރުމަށާއި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ބޮޑެތި ފައިނޭންސިންގ ލިމިޓްތައް ލިބުމުގައި ހުންނަ ދަތިކަމެވެ.

ރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީއާއެކު އުފެދިފައިވާ ފިންޓެކް އަދި ޑިޖިޓަލް ފައިނޭންސް ޕްލެޓްފޯމްތަކުން، ވިޔަފާރިތަކަށް ލުއި ގޮތްތަކެއްމެދުވެރިކޮށް ލޯނާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތާ އެއްގޮތަށް ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ވެސެލް ފައިނޭންސިންގ އަދި އެސެޓް ފައިނޭންސިންގ ފަދަ ފެސިލިޓީތަކުގެ ލިމިޓް 10 މިލިއަން ރުފިޔާއަށް ބޮޑުކުރުމުން، މަސްވެރިކަމާއި، ޓޫރިޒަމާއި، އަދި އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރިތައް ފުޅާކޮށް، މާލީ ގޮތުން އިތުރަށް ފުންކޮށް ވަރުގަދަވުމަށް ފަހި މަގެއް ކޮށިގެންދާނެކަމަށް ސަރުކާރުން ދެކެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293