twitterviber whatsapp telegramfacebookyoutube instagram
1st November 2026

ޑޮލަރުން ފައިސާ ލިބޭ ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ އަށް މިހާރު އެދެވޭނެ

މޫސާ އަލީ
Nov 1, 2026

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭ ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އެ ނިންމުމާއެކު ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

އެގޮތަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ޕޯޓަލް މެދުވެރިކޮށް މިއަދުގެ ވަގުތެއްގައި ހުޅުވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމުން ބޭންކުން އެ ވިޔަފާރިއަކާ ގުޅައި ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ އެވެ. މި މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓްގޭޓްވޭ ލިންކްކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަސައްކަތަކީ އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ އާ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293