twitterviber whatsapp telegramfacebookyoutube instagram
1st November 2026

އެމްޑީޕީ މިސްރާބު ގެއްލޭތީ ނަޝީދު ކަންބޮޑުވުންފާޅު ކުރައްވައިފި

މޫސާ އަލީ
Nov 1, 2026

އެމްޑީޕީގެ އަސްލު ފިކުރު އޮޅި ޕާޓީގެ މިސްރާބު ގެއްލޭތީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވީ ސަރުކާރުން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ހިޔާލު ތަފާތުވުން އުފެއްދިފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަހަކަށް އައިސް އެމްޑީޕީގެ މިސްރާބު ހުރީ ކަންބޮޑުވާ މިސްރާބަކަށް ކަމަށެވެ.

އެމްޑިޕީއަކީ އެއްއިރެއްގައި ލިބަރަލް ވިސްނުމެއްގައި ޑިމޮކްރެޓިކް ރިފޯމަށް ވަކާލާތުކުރި ބަޔަކަށްވި ނަމަވެސް މިހާރު ޕާޓީން ފެންނަނީ ބިދޭސީންނާ މެދު ނަފުރަތު އުފެއްދުމުގެ ސިޔާސަތާއި ހަރުކަށި ގައުމީ ފިކުރު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއީ އެމްޑީޕީގެ ފެށުން ބިނާވި އަދި ޕާޓީގެ އެންމެ ކުރީގެ ސަޕޯޓަރުންނަށް ހިތްވަރު ލިބުނު އަސާސީ އުސޫލުތަކާ މުޅިން ހިލާފު މިސްރާބެއް،" ނަޝީދު ވިދާޅުވި އެވެ.

އިންތިހާބެއް ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ މެދުގައި ނަފުރަތާއި ބިރުވެރިކަން އުފައްދައި، ބައިބައިކޮށްގެން ކަމަށް އެމްޑީޕީގެ ގިނަ ފަރާތްތަކުން ގަބޫލު ކުރާ ކަމަށާއި ނަމަވެސް އެފަދަ އުކުޅުތަކުގެ ސަބަބުން އެމްޑީޕީއަށް އަބަދުވެސް ގަބޫލު ކުރަމުން އައި ތަފާތު ހިޔާލުތަކަށް އިހުތިރާމްކުރާ ދުނިޔެއަށް ހުޅުވާލެވިފައިވާ ފިކުރުގެ މީހުން ޕާޓީ އާ ދުރުވުމުގެ ބިރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ކުރު މުއްދަތެއްގެ ސިޔާސީ ފައިދާއަކަށްޓަކައި ޕާޓީގެ އަސްލު ސަޕޯޓަރުން ބާކީކޮށްލުމަކީ ނުބައި ނިންމުމެއްގެ އިތުރުން ޕާޓީއަށް ލިބޭނެ ބޮޑު ނިކަމެތިކައް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެމްޑީޕީން ކުރިން ގެންގުޅުނު "ބިރަކާ ނުލައި މަޖާ ކުރުން" ކެމްޕޭން ޝިއާރުގެ މަތިން ހަނދާން ކޮށްދީފަ އެވެ.

އެ މެސެޖުގެ ސަބަބުން ޕާޓީއަށް އޮތް ތާއީދު ކުޑަވުމުގެ ބަދަލުގައި ޕާޓީގެ ފިކުރު ފުޅާވެ އެހެން މީހުން ޖެހިލުންނުވާނެ ފަދަ ގޮތަކަށް ގާތްގަނޑަކަށް 20،000 އެއްހާ ވޯޓު ލިބުނު ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އޭގެ ބަދަލުގައި ސިޔާސީ ހަތިޔާރަކަށް ދީން ހަދައިގެން، "ޒަޔަނިސްޓުން ގައުމު ހިފަނީ" ކަމަށް ބުނާ ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ކުޑަ ވާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"މިފަދަ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްގެ އިތުރުން، އާންމު މަސްލަހަތު ގެއްލުވާލައި ގައުމީ ސިޔާސީ މަޝްވަރާތަކުގެ ފެންވަރު ދަށްކޮށްލާ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ މިދާ މިސްރާބުން ދާނަމަ ޕާޓީގެ އަމިއްލަވަންތަކަމާއި އެހެން ޕާޓީތަކާ ތަފާތުކޮށް ދޭ މުހިންމު އުސޫލުތައް ގެއްލިގެން ދާނެ ކަމަށެވެ.

ރަސްމާލެ މަޝްރޫއަށް ނަޝީދު ތާއީދު ކުރައްވާ އިރު އީގަލްސް ހިލްސްގެ ވެރިޔާ މުހައްމަދު އަލްއައްބާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ނުކުރުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ އެ މަޝްރޫއު ވަގުތުން ހުއްޓާލަން ގޮވާލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293