twitterviber whatsapp telegramfacebookyoutube instagram
1st November 2026

60،000 ރުފިޔާ ލިބޭ މީހުން ޖަނަވަރީން ފެށިގެން އާސަންދަ ކޯ-ޕޭމަންޓް ދައްކަންޖެހޭނެ

ނަބީލާ އިސްމާޢީލް
Oct 31, 2026

މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ މަރުކަޒުތަކުން ހިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް އަންނަ އަހަރުގެ ޖަނަވަރީ 1ގައި ފެށިގެން ނަގާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާ ގުޅޭގޮތުން އެކުލަވާލި އުސޫލު މިހާރު ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.

ހެލްތް މިނިސްޓްރީން އާންމުކުރި އިއުލާނުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ހިދުމަތް ދޭ ތަންތަނުންނެވެ.

އެހެންކަމުން ސަރުކާރުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ. މީގެއިތުރުން، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައިވެސް އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ޚިދުމަތް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

60000 ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެގޮތައް އަމަލުކުރުމަށް ފެށުމަށް ވަނީ ނިންމާފައެވެ.

އާމްދަނީ ބޮޑު ނަމަވެސް، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި އެފަދަ ފަންނުވެރިން ޤައުމުގައި ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް މި އުސޫލުން ވަނީ އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

- ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން
- ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން
- އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293