މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026)، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފަށައިފި އެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ރެޒިލިއަންޓް ފައުންޑޭޝަންސް: ޑިސައިފަރިންގ ވަލްނަރަބިލިޓީ، އިކޮނޮމިކް އިމްޕެކްޓް، އެންޑް ކޮލާބޮރޭޓިވް ސޭފްޓީ ނެޓްސް އިން މޮޑަން ސޮސައިޓީޒް"އެވެ. އެގޮތުން، ޒަމާނީ މުޖުތަމަޢުގައި ފަގީރުކަން ދިމާވާ ސަބަބުތަކާއި ސިފަތަކަށް ބަލައި، މުއައްސަސާތަކާއި ޒަކާތު ހައުސްއާއި ޕްރައިވެޓް ސެކްޓަރ އަދި ސިވިލް ސޮސައިޓީތައް ގުޅިގެން އެކަމަށް ގެނެވޭނެ ހައްލުތަކާބެހޭގޮތުން މިއަހަރުގެ ކޮންފަރެންސްގައި މަޝްވަރާ ކުރާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެ އެވެ.
މި ކޮންފަރެންސަކީ އިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އިސްލާމިކް ފައިނޭންސްގެ މާހިރުންގެ އިތުރުން މި ދާއިރާގައި ޢަމަލީ ގޮތުން މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަމާނީ އިޖުތިމާއީ އަދި އިގްތިސްދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
"އަދުގެ މުޖުތަމަޢުގައި ދިމާވާ އިޖުތިމާޢީ ނާޒުކު ޙާލަތްތަކާއި، އަރާ އިގުތިސާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިއާރުގެ ދަށުން ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ އަލަށް ފާހަގަކުރެވޭ ނާޒުކު ހާލަތްތައް ދެނެގަތުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، އަދި ޒަކާތް ހައްގުވާ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ބަޔަކަށް ހެދުމަށް ދެމެހެއްޓެނިވި މަގުތަކެއް ކަނޑައެޅުމެވެ.
މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، އެސްއޭޕީ 2026-2028 ވަނީ އިފްތިތާހުކޮށްފައެވެ. އެސްއޭޕީ އިފްތިތާހުކޮށްދެއްވީ ޝަރަފުވެރި މެހެމާން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ.
ޒަކާތު ހައުސްގެ ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށާއި، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި، އުފެއްދުންތެރި ޒަކާތުގެ މަޝްރޫޢުތައް ކުރިއެރުވުމަށް އިސްކަންދޭނެ ދާއިރާތައް ބަޔާންކޮށްފައިވެއެވެ.
އިންޒެކް 2026 ގައި ތިން ސެޝަނެއް ހިމެނޭއިރު، ކޮންމެ ސެޝަނެއްގައިވެސް މައިގަނޑު ތަގްރީރަކާއި ޕެނަލް ޑިސްކަޝަނެއް ކުރިއަށްދާނެއެވެ. މި ސެޝަންތަކުގައި މަޝްވަރާކުރެވޭ މައުޟޫއުތަކުގެ ތެރޭގައި، ޢާއިލީ ހަމަޖެހުމަށް މާލީ ގޮންޖެހުންތަކުން ކުރާ އަސަރާއި، ނާޒުކު ހާލަތްތަކުގައިވާ އާއިލާތަކަށް އެހީތެރިވުމުގައި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މުހިންމުކަމާއި، އަދި ޒަކާތް ލިބޭ ފަރާތްތަކަކީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖުތަމަޢަށް އެހީތެރިވެދޭ ބަޔަކަށް ބަދަލުކުރުމަށް ގެންގުޅޭނެ ގޮތްތައް ހިމެނެއެވެ.
މި ކޮންފަރެންސް މެދުވެރިކޮށް މޯލްޑިވްސް ޒަކާތު ހައުސްގެ އަމާޒަކީ، ބައިނަލްއަގްވާމީ ފެންވަރުގައި މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް މަގުފަހިކުރުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި، އަދި ފަޤީރުކަން ކުޑަކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމަށާއި، ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ޒަކާތާއި އިސްލާމީ އިޖުތިމާއީ މާލިއްޔަތުގެ ދައުރު ފުޅާކުރުމަށް އަމަލީ ހައްލުތަކެއް ހޯދުން ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.