ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރާ ގެތައް އަންނަމަހު އިންސްޕެކްޓްޝަންއެއް ކުރިއަށް ގެންދަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ(އެމްއެފްޑީއޭ)އިން ނިންމައިފިއެވެ.
އެމްއެފްޑީއޭއިން ބުނީ އެ އޮތޯރިޓީގައި ދަފުތަރުކޮށްފައިވާ، އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން، "އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑު "އަށް އަމަލުކުރާ ގޮތް ބެލުމަށްޓަކައި ސަވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ އިންސްޕެކްޝަންތައް ކުރިއަށް ދާނީ އަންނަ މަހުގެ 5-20 ގެ ނިޔަލަށް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންވެ އެ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެ އެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު 7603204 އަދި 3034221 އިން ހޯދޭނެ އެވެ.