ކުޅުދުއްފުށީ ހިމެނޭ، އުތުރުގެ ސަރަހައްދުގައި ހޭޒްގެ އަސަރު ބޮޑުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވާކަމަށް އެއާ ކޮލެޓީ އިންޑެކްސް އިން ދައްކައިފި އެވެ.
ކުޅުދުއްފުށީގައި ހުންނަ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާގޮތުގައި މި ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 171 ގަ އެވެ. މިއީ ރަތް އެލާޓް ނުވަތަ ސިއްހަތަށް ނުރައްކާ ވާ މިންވަރަށް ވައި ނުސާފުވެފައި ހުރުމެވެ.
މީގެ އިތުރުން ށ ފުނަދޫގައި ގާއިމުކޮށްފައިވާ އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާގޮތުގައި އެރަށުގައިވެސް ވައިގެ ކޮލެޓީ ހުރީ ރަތް އެލާޓްގައި އެވެ. އެރަށުގެ ވައިގެ ނުސާފު މިންވަރު ހުރީ 161 ގަ އެވެ.
މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ ސިއްހީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭކިޔުއައި 200-151 އާ ދެމެދު ހުރެއްޖެނަމަ އެއީ ސިއްހަތަށް ނުރައްކާވާ މިންވަރެވެ. މި ހާލަތުގައި ސިއްހީ ގޮތުން ނޭދެވޭ އަސަރުކުރުމާއި ފުއްޕާމެ އާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށް އޮވެ އެވެ. މި ހާލަތުގައި ވައި ނުސާފުވެއްޖެނަމަ ބޭރަށް ނުކުމެ އުޅުމުގައި މާރކްސް އެޅުން މުހިންމެވެ.
ވައި ނުސާފުވެ ހަމަ ލޮލަލަށް ސާފުކޮށް ފެންނަ ދުރުމިން ނުވަތަ ވިޒިބިލިޓީ ވެސް ވަނީ ދަށްވެފަ އެވެ. ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ އެކު، ވައިގެ މިސްރާބަށް ބަދަލު އައިސް، ހިމާލިޔާ ސަރަހައްދުގެ ހިރަފުހާއި ދުމުގެ އަސަރު ރާއްޖެއަށް ކުރެ އެވެ.




