ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް މިއަދު ނެރުނު ވައިޓް އެލާޓްގެ ވަގުތު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ދަންމާމައިފި އެވެ.
އެ އެލާޓް ކުރިން ނެރެފައި އޮތީ ފަތިހު 4:30 ފެށިގެން ހެނދުނު 9:30 އާ ހަމައަށެވެ. އެ ވަގުތު ހަމަވުމާ ގުޅިގެން އެލާޓްގެ ވަގުތު މިހާރު ވަނީ މެންދުރު ފަހު 2:00 އާ ހަމައަށް އިތުރުކޮށްފި އެވެ.
White Alert for heavy rain and thunderstorms. pic.twitter.com/3p9uWJ8i57
— Maldives Meteorology (@MetMaldives) September 13, 2026
މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު އެ އިދާރާއިން ބުނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
އަދި ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައު ހަތަރު ފޫޓާއި ހަ ފޫޓް ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.




