ޖިންސީ އަނިޔާ ލިބޭ ކުޑަކުދިންގެ މައުލޫމާތު އާންމު ނުކުރަން ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މފަދައިން ބުނެފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި ފަރާތެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެގޮތަށް މީޑިއާގެ އެކި މަންސަތަކުގައި އާންމުކުރަންދާ މައުލޫމާތުތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އިތުބާރުކުރެވޭ މަޤާމެއްގައި ހުރި ފަރާތެއް ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ކުއްޖާގެ ކަރާމަތަށް ގެއްލުންވާނެގޮތަށް ދައުރުވަމުންދާ މަޢުލޫމާތުތަކާއި ގުޅޭ ނޫސް ބަޔާން https://t.co/ZREzw3qdlG
— Ministry of Health, Family and Welfare (@MoHmv) November 6, 2026
މިނިސްޓްރީން ބުނީ ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބެނުންވާ ކުދިން ހާއްސަކޮށް، އެކުދިންގެ ނަމާއި، އެޑްރެހާއި، ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތު ހިމެނޭގޮތަށް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމަތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫން ވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށެވެ.
ކުއްޖަކަށް ދިމާވާ އެއްވެސްކަމަކާއި ގުޅިގެން، ކުއްޖެއްގެ މައުލޫމާތު އާންމުން ކަންކަމާއި މެދުގައި ދެކޭގޮތަށް ނުފޫޒުފޯރުވުމުގެ މަގުސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި މީޑިއާގެ އެކި މަންސަތަކުގައި އެކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން ޒާތީ މަޢުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެހައްގުކަށް އަރައިގަތުމުގެ އަމަލެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ، މުޅި މުޖުތަމައުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއްކަމުގައިވާތީ، މިފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރިއެވެ.




