twitterviber whatsapp telegramfacebookyoutube instagram
27th October 2026

އަލް-މަސާރު ޤުރްއާން މުބާރާތަށް ބޮޑު ތަރުޙީބެއް: ބައިވެރިވުމަށް ބާކީ 2 ދުވަސް

Oct 26, 2026

އަލް-މަސާރު އެކަޑެމިކް ސެންޓަރއިން އިންތިޒާމުކުރާ "އަލް-މަސާރު ޤުރްއާން މުބާރާތް 1448" ގައި ބައިވެރިވުމަށް 3 ދުވަހުގެ މުޙުލަތާއިއެކު، އަލުން މިވަނީ ހުޅުވާލެވިފައެވެ. އަލުން މި ފުރުސަތު ހުޅުވާލަން ނިންމާފައި މި ވަނީ، އާންމު ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށް، މި ސެންޓަރ އާ ޙަވާލާދީ މަޢުލޫމާތު ލިބިފައިވެއެވެ. މިހާރު، މި މުބާރާތުގައި ބައިވެރިވުމަށް، ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ 27 އޮކްޓޫބަރު 2026 އެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޑިސެންބަރު 2026 ގައި ކުޅުދުއްފުށި ސިޓީގައެވެ.

ކުރީ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތް ވަނީ މި ސެންޓަރުގެ ދަރިވަރުންގެ އިތުރުން އެހެން ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލާފައެވެ. އަލް-މަސާރު އެކަޑެމިކް ސެންޓަރުގެ ޑިރެކްޓަރު މުހައްމަދު ޢަރްޝަދު ވިދާޅުވީ، 2025 ވަނަ އަހަރު މުބާރާތް ބޭއްވީ ހަމައެކަނި އެ ސެންޓަރުގެ ދަރިވަރުންނަށް ކަމަށް ވިޔަސް، މިއަހަރު މުބާރާތް އާންމުކޮށް ހުޅުވާލުމުން ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެހެންވެ މުއްދަތު އިތުރުކޮށް އަލުން ފުރުސަތު ހުޅުވާލީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މި މުބާރާތް އާންމުކޮށް ހުޅުވާލަން ގަސްތުކުރި މައިގަނޑު ސަބަބަކީ، މި ސެންޓަރގެ ދަރިވަރުންނަށް، ވާދަވެރި މާޙައުލެއްގައި، ފެންވަރު ރަނގަޅު ކުދިންތަކަކާއި އެކު ވާދަކޮށް، އެކުދިންގެ ފެންވަރު ދައްކާ، ރަނގަޅު ނަތީއްޖާތަކެއް ހޯދުމުގެ މަގު ފަހިކޮށް ދިނުން،" މުޙައްމަދު ޢަރްޝަދު ވިދާޅުވިއެވެ. ހުރިހާ ބައިވެރިންނަށް ވެސް، މި މުބާރާތުގެ ފަޚުރުވެރި އެއް ވަނަ ހޯދުމުގެ ފުރުސަތު ހަމަހަމަ އުޞޫލުން އިންސާފުވެރިކަމާއި އެކު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަގުހުރި އިނާމުތަކެއް:

މިއީ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ބޮޑު އެއް ޤުރްއާން މުބާރާތަށް ހެދުމަށް ގިނަ ތައްޔާރީތަކެއް ވަމުންދާއިރު، މުބާރާތުގެ ވަނަތަކަށް ވަނީ އަގުހުރި އިނާމުތަކެއް ކަނޑައަޅާފައެވެ:

1 ވަނަ ބައިވެރިޔާ: 15،000 ރުފިޔާގެ ފައިސާގެ އިނާމަކާއި ޢުމްރާ ދަތުރެއް
2 ވަނަ ބައިވެރިޔާ: 10،000 ރުފިޔާގެ ފައިސާގެ އިނާމު
3 ވަނަ ބައިވެރިޔާ: 5،000 ރުފިޔާގެ ފައިސާގެ އިނާމު
އަދިވެސް، މުބާރާތުގެ ގޮފިތަކާއި، އެކިއެކި ވަނަތަކަށް އަގުހުރި އެތަށް އިނާމެއް ހުށަހެޅިފައިވެއެވެ.

މުބާރާތަށް ދަރިވަރުން ތައްޔާރުކޮށްދިނުން:

މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން، ދަރިވަރުން ފަރިތަކުރުމަށް ޚާއްޞަ ކްލާސްތަކެއް ތާވަލުކުރެވިގެންދާނެ ކަމަށާއި، އަދި ކުޑަ ފީ އަކާއި އެކު، މި ކްލާސްތަކުގައި ފެންވަރު ރަނގަޅު މުދައްރިސުންނާއި އުސްތާޛުންގެ އެހީތެރިކަން ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް އެ ސެންޓަރުން މަޢުލޫމާތުދެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް:

މުބާރާތުގެ ގަވާއިދު: https://almasaar.edu.mv/public/resources
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު: https://almasaar.edu.mv/competition/register
އިތުރު މައުލޫމާތު: 4000330

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293