ކުޅުދުއްފުށީ ހިންގަމުންދާ 'އަލް މަސާރު އެކަޑަމިކް ސެންޓަރުން' ބޭއްވި ފުރަތަމަ ގުރުއާން މުބާރާތުން އެއްވަނަ ލީމް ޒައިދު ހޯދައިފި އެވެ.
މުބާރާތުން ފަހުރުވެރި އެއްވަނަ ލިބުނު ލީމް ޒައިދަށް ވަނީ އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް ފަރާތުން ހުށަހެޅި އުމްރާ ދަތުރާއި އަލް މަސާރުން ހުށަހެޅި 5000 ރުފިޔާގެ އިނާމު ލިބިފަ އެވެ.
ޤުރުއާން މުބާރާތް ޝަރަފުވެރިކޮށްދެއްވާ ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ އެވެ. އަދި ހާއްސަ މެހެމާނުގެ ގޮތުގައި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރާއި ސިޓީ ކައުންސިލަރު އާތިފާ އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.
މުޅި މުބާރާތުން ދެވަނަ ހާސިލުކުރީ ޔަމަކް ފަތުޙުﷲ ހަސަނެވެ. އަދި ތިންވަނަ ހޯދީ ކައިފް އަބުދުﷲ ހަމީދެވެ. ދެވަނަ ހޯދި ދަރިވަރަށް ޓްރޮފީ އާއި ސެޓްފިކެޓްގެ އިތުރުން 4000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނުއިރު ތިންވަނަ ހާސިލުކުރި ދަރިވަރަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އާއި ސެޓްފިކެޓް ދިނެވެ.
އެންމެ މޮޅު ފަސް ދަރިވަރުންނަށް ބީއެމްއެލްގެ ފަރާތުން ޖުމްލަ 5000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެ އެވެ. މީގެ އިތުރުން ގޮފިތަކުގެ ބައިން ވަނަތައް ހޮވާ އެ ދަރިވަރުންނަށްވެސް ޓްރޮފީ އާއި ސެޓްފިކެޓް ހަވާލުކުރި އެވެ.
އަލް މަސާރު އެކަޑެމިކް ސެންޓަރަކީ ކުޅުދުއްފުށީގައި ވަރަށް ފަހުން ހުޅުވައި ހިދުމަތް ދޭން ފެށި އެކަޑަމީ އެކެވެ. މި މުބާރާތުގައި އެކި އުމުރުފުރާތަކުގެ ދަރިވަރުން ވާދަކުރި އެވެ. އަންނަ އަހަރުވެސް މި މުބާރާތް އޮންނާނެކަމަށް އެ ކެޑަމީން މައުލޫމާތުދެ އެވެ.
މި މުބާރާތުގައި ކޮންމެ ބައިވެރިޔަކަށް ހަނދާނީ ލިޔުމަކާއެކު، މުބާރާތުގައި ބައިވެރީވީތީ އިނާމެއްދީފައިވެ އެވެ.
އަލް މަސާރު އެކަޑެމިކް ސެންޓަރުގައި، ފިޒިކަލްކޮށް އަދި އޮންލައިންކޮށް، ޤުރްއާން ކުލާސްތަކާއި، ޓިއުޝަން ކްލާސްތަކުގައި ކިޔަވަމުންދާ ބައެއް ދަރިވަރުންވެސް މި މުބާރާތުގައި ވާދަކޮށް އެކިއެކި ވަނަތައް ހާސިލުކޮށްފައިވެ އެވެ.
އިނާމުދިނުމުގެ މި ރަސްމިއްޔާތުގައި އަލް މަސާރު އެކަޑެމިކް ސެންޓަރުގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން އަބުދުﷲ ރަޝީދު އާއި ދަރިވަރުން އަދި ބެލެނިވެރިން ބައިވެރިވި އެވެ.