ހދ ވައިކަރަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތުގެ އެއްވަނަ މި އަހަރުވެސް އަލްޔަސް އަނަސް ހުސައިން ހޯދައިފިއެވެ.
އަލްޔަސް އަކީ މިދިޔަ އަހަރު ބޭއްވި ކައުންސިލްގެ ޤުރުއާން މުބާރާތުގެ ވެސް އެއްވަނަ ހޯދި ދަރިވަރެވެ.
މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، މުބާރާތުގެ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޢަރީޖެވެ.
މުބާރާތުން ދެވަނަ ދެ ދަރިވަރަކު ވަނީ ހާސިލުކޮށްފައެވެ. އެއީ އަމްރު ބިން އިބްރާހީމާއި ޢަބްދުލް މާލިކް ޢަބްދުލް މުޙްސިނެވެ. އަދި މުބާރާތުގެ ތިންވަނަ ސާރާ މުހައްމަދު ސާދާތު ހޯދާފައިވާއިރު، މި ހުރިހާ ދަރިވަރުންނަށް ވެސް ކައުންސިލުން ކަނޑައަޅާފައިވާ ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ.
ވައިކަރަދޫގައި ކީރިތި ޤުރުއާން ތަޖްވީދުގެ ހަމަތަކުން އުނގެނުމާއި އުނގަންނައިދިނުމުގައާއި، ތަރްލީލުކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމަށާއި ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ އިތުރުން ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ވައިކަރަދޫން ފެންވަރު ރަނގަޅު ދަރިވަރުންތަކެއް ބައިވެރިކުރުމުގެ މަޤްޞަދުގައި ބޭއްވި މި މުބާރާތުގައި ޖުމްލަ 44 ބައިވެރިން ބައިވެރިވެފައިވެއެވެ.
މި މަހުގެ 11 ން 13 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 4 ސެޝަނަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގައެވެ. މި ރަސްމިއްޔާތުގައި އެކިއެކި އުމުރުފުރާތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް ޓްރޮފީއާއި ހަނދާނީ ލިޔުން ވަނީ ޙަވާލުކޮށްފައެވެ.




