އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމާއި ވަނަންތައް ކިޔުން ފަދަ ކަންކަމުން ދިވެހިން ދުރުވާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިހްތިރާމް އަދާ ކުރުމުގެ ގައުމީ މަޝްރޫއު ފެއްޓެވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު އެކަކު އަނެކަކަށް އިހްތިރާމް އަދާކުރާ އަދި ލެއާއި މުދަލާއި އަބުރު ރައްކާތެރި ކުރާ ބަޔަކަށް ދިވެހިން ވާން ޖެހޭ ކަމަށެވެ.
އިސްލާމް ވަންތަކަމާއި ދިވެހިންގެ ތާރީހަށް ބެލިޔަސް އިހްތިރާމް އަދާ ކުރުމަކީ ދިވެހިންގެ މުހިންމު ސިފައެއް ކަމަށާއި އެހެންކަމުން މީހުންގެ ކަރާމަތާއި ގަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރަން ސަމާލުކަން ދޭން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މީހުންނަށް އިހާނެތިކޮށް ހެދުމާއި، މަލާމަތް ކުރުމާއި، ނުރުހޭ ވަނަންތައް ކިޔުމާއި، ދަށް ކޮށްލުން ފަދަ ކަންކަމުން ދުރުވާން ޖެހޭ. ޣީބަ ބުނުމާއި އާޑަފުރައްސާރަ ކުރުމުގެ ނުބައި އަމަލާ ހިލައި ކާރި ނުވުމަށް އަޒުމު ކަނޑައަޅަން ޖެހޭ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި މީގެ ކުރިން އޮތް އިހްތިރާމް ކުރުމުގެ ސަގާފަތް އަނބުރާ ގެންނަން ޖެހޭ ކަމަށެވެ. ތަރައްގީ ވެފައިވާ ތަހުޒީބު ގައުމަކަށް ވާނީ އެ ސިފަތައް ވެސް އަށަގަނެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުޅުންތައް މިގޮތަށް ބެހެއްޓިއްޖެ ނަމަ މި ގައުމަކީ މާތްﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމައުއަކަށް ވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މަގުތަކާއި ރަށު ތެރޭގެ ދިރިއުޅުމާއި ވެއްޓާއި ގަސްގަހާއި ކޮންމެ މީހެއް އަދާ ކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ވެސް ފުރިހަމަ އަށް އިހްތިރާމް ކުރުމަށް އެދިވަޑައިގެންފަ އެވެ.