ހއ. އިހަވަންދޫ ކައުންސިލާއި އިހަވަންދޫ އަންހެނުން ކޮމިޓީ ގުޅިގެން އިންތިޒާމްކުރާ "ރަސްތަރި ޤުރްއާން މުބާރާތް" ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
އަންނަ ޑިސެމްބަރު 24 ން 27 އަށް ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކައުންސިލްތަކުން މި ނޮވެމްބަރު މަހުގެ 30ވަނަ ދުވަހުގެ 12:00ގެ ކުރިން ފޯމު ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިފަ އެވެ. މިއީ މި މުބާރާތް ބާއްވާ 4 ވަނަ ފަހަރެވެ.
މުބާރާތުގައި ބައިވެރިވުމަށް އެހެން ރަށްތަކުން އިހަވަންދުއަށް އަންނަ ފަރާތްތަކަށް ކެއުމުގެ އިންތިޒާމްތައް ހަމަޖައްސައިދެވޭނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.
ހއ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމާއި، ތަޖުވީދުމަގަށް ކިޔެވުމަށާއި ޤުރްއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމަށް ލޯބިޖެއްސުމާއި އަތޮޅުގެ ރައްޔިތުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤައުމީ މުބާރާތަށް އަތޮޅުގެ ބައިވެރިން ތައްޔާރުކުރުމާއި، ޤާރީންނާއި ޙާފިޡުން އުފެއްދުމުގެ އިތުރުން ރަށްރަށުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރު މި މުބާރާތުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ހއ. އަތޮޅުގެ ރަށްތަކަށް ނިސްބަތްވާ ފަރާތްތަކަށެވެ. ރަށަށް ނިސްބަތްވުން މާނަކުރުމުގައި އެ ރަށެއްގެ ރަށްވެހީންނާއި، މަންމަ ނުވަތަ ބައްޕަގެ ރަށްވެހިކަން އެ ރަށެއްގައި އޮތުމާއި، އެ ރަށެއްގެ ރަށްވެއްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި، އެ ރަށެއްގެ މަދަރުސާގައި ތަޢުލީމް ހާސިލްކުރާ ފަރާތްތައް ހިމެނެއެވެ. ކޮންމެ ރަށަކުން ވެސް މުބާރާތުގައި ބައިވެރިކުރެވޭނީ 10 ބައިވެރިންނެވެ. އަދި އެ ރަށެއް ތަމްސީލުކުރާ ބައިވެރިން ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
އިހަވަންދޫ ކައުންސިލުން ބުނީ މި މުބާރާތުގައި 3 ރައުންޑެއް އޮންނާނެ ކަމަށެވެ. ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑަކީ އެލެމިނޭޝަން ރައުންޑްތަކެވެ. ފުރަތަމަ ރައުންޑުން 10 ބައިވެރިން ދެވަނަ ރައުންޑަށް ހޮވޭއިރު، ދެވަނަ ރައުންޑުން 5 ބައިވެރިން ފައިނަލް (ތިންވަނަ) ރައުންޑަށް ހޮވޭނެއެވެ. މުބާރާތުގައި ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވުމާއި، ނަކަލުކުރުމާއި، ގުރޫޕް ކިޔެވުން އަދި ލަސްކިޔެވުން (މުޖައްވަދުކޮށް) ހިމެނެއެވެ.
މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް 10,000 ރުފިޔާ، ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.




