twitterviber whatsapp telegramfacebookyoutube instagram
23rd November 2026

ނަފްސާނީ ފަރުވާ ދިނުމަށް ރިވިއު ބޯޑެއް އުފައްދަން ޖެހޭ ބިލް ހުށަހަޅައިފި

ނަބީލާ އިސްމާޢީލް
Nov 23, 2026

ނަފްސާނީ ފަރުވާއާ ގުޅޭގޮތުން ފަރުވާދޭ ފަރާތްތަކުން ނިންމާ ނިންމުމާ ގުޅިގެން ހުށަހެޅޭ ހުށަހެޅުންތައް ބެލުމަށާއި ފަރުވާ ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް 'މެންޓަލް ހެލްތު ރިވިއު ބޯޑު' އުފައްދަން ހިމަނައި ނަފްސާނީ ސިއްހަތުގެ ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިންއެވެ.

ބިލްގައި އެކި ހާލަތްތަކުގައި ތިބި މީހުންނަށް ނަފްސާނީ ފަރުވާ ދޭނެ ގޮތާއި އަދި އެ މީހުންގެ ހައްގުތަކާއި އެ ހިދުމަތް ދޭ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މާއްދާތައް ހިމަނާފައިވެއެވެ.

އަދި ބިލްގައި ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން "މެންޓަލް ހެލްތު ރިވިއު ބޯޑު" އުފައްދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ބޯޑުން ފަރުވާއާ ގުޅޭ ހުށަހެޅުންތައް ބެލުމަށާއި ފަރުވާ ކުރިއަށް ގެންދަން ހުއްދަ ދޭނެއެވެ.

އެ ބޯޑު އެކުލަވާލަން ޖެހެނީ ފަސް މެންބަރުންގެ މައްޗަށެވެ. އެއީ:

- ސައިކޭޓްރިސްޓެއް

- ސައިކޮލޮޖިސްޓެއް

- ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާއެއްގެ މެންބަރެއް

- ސޯޝަލް ވޯކަރެއް

- އާއްމުންގެ ތެރެއިން މީހެއް

ރިވިއު ބޯޑުގެ ރައީސް އަދި ނައިބު ރައީސް މަގާމަށް މެންބަރުން އައްޔަންކުރާނީ ވަޒީރު ކަމަށާއި ބޯޑުގެ މެންބަރުންގެ ދައުރަކީ ފަސް އަހަރުކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލްގައި ވަނީ ރިވިއު ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ފަރުވާ ދިނުމުގެ އަމުރު ނެރުމާއި ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހަކަށް ދޭ ފަރުވާ ބަދަލުކުރަން އެންގުން ހިމެނޭ ކަމަށެވެ. އަދި ގާނޫނެއްގެ ދަށުން ޖަލެއްގައި ނުވަތަ އެނޫންވެސް މީހުން ބަންދުކުރުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުގައި ނަފްސާނީ ބައްޔަކާއެކު ދިރިއުޅެމުންދާ މީހަކަށް ފަރުވާދޭނަމަ އެތަނަކަށް ގޮސް ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ވެސް ބޯޑުން ބަލަން ޖެހޭނެއެވެ.

އަދި އެ ބޯޑަށް ހުށަހަޅާ މައްސަލަތަކާ މެދު 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެއެވެ. އެ ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހެޅިދާނެއެވެ.

އޭގެ އިތުރުން ބިލްގައި ވަނީ ގާނޫނު ހުއްދަކުރާ ހާލަތުގައި ތަންފީޒީ އިދާރާތަކަށާއި ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުން ފިޔަވައި، ބަލި މީހެއްގެ ޒާތީ މައުލޫމާތު އާއްމުކޮށްފިނަމަ، ސިއްހީ ފަރުވާދޭ އެ މަރުކަޒެއް ނުވަތަ ހިދުމަތްދޭ މީހެއް، 50،000 ރުފިޔާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށެވެ. ޖޫރިމަނާކުރުމުގެ އިތުރުން ދެ އަހަރުގެ މުއްދަތަށް އެ ފަރާތުގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު ހެލްތް ކައުންސިލަށް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293