މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި އެވެ.
ސަވައިލަންސް ޑްރޯންއާއި ބޮޑީވޯން ކެމެރާގެ ހިދުމަތް ކަސްޓަމްސް އިން އިފްތިތާހު ކުރީ އެ މުއައްސަސާ އަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ.
ކަސްޓަމްސް އިން ބުނީ ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފައިވާ އެއްޗެއް ކަމަށާއި ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެއް ކަމަށެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ ކުރި މަގުގައި ކަސްޓަމްސްގެ ހިދުމަތްތައް ތަރައްގީކޮށް ހަރުދަނާކުރުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ. އަލަށް ތައާރަފް ކުރި ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއްކަން އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން ކަސްޓަމްސަށް އޮތް އިތުބާރާއި ޔަގީންކަން އިތުރުވެ، ބައިނަލްއަގުވާމީ ބަދަލުތަކާއި ކަސްޓަމްސް ކޮންޓްރޯލް ސަރަޙައްދުތައް މޮނިޓަރކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަކުރެވިގެންދާނެ،" ސީޖީ ވިދާޅުވި އެވެ.




