އަންނަ އަހަރަކީ މަޑުޖެހިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމާނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ނަރުދަމާ އާއި ފެނާއި ބަނދަރުން އެޅުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި މި އަހަރު ބޮޑަށް އިސްކަން ދިނީ ދަރަނި ދެއްކުމަށާއި މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ އަސަރު ދިވެހިންގެ ދިރިއުޅުމަށް ނުކުރާނެ ގޮތަކަށް ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.
އޭގެ އިތުރުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ ކަންކަމަށް އިސްކަން ދެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"ތެޔޮ އަގުބޮޑުވެއްޖެ ޓޫރިސްޓް އެރައިވަލް ދަށްވެއްޖެ, އެހެންވީމާ ރައްޔިތުންނަށް ކޮންމެ ދުވަހުގެ ދިރިއުޅުމުގެ ދަތިތައް ވީ ވަރަކުން ފޯރުނުކޮށް އިސްކަންދޭންވެގެން އަޅުގަނޑުމެން ބަޖެޓުގެ ފިސްކަލް މެނޭޖުމަންޓު މިގޮތަށް މެނޭޖުކުރީ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އަންނަ އަހަރު އިސްކަން ދޭނީ ނުނިމި ހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުން ސޮއި ކޮށްފައިވާ މަދުވެގެން 70 ޕަސެންޓު މަޝްރޫއުތައް އެއްކޮށް ނިންމާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަަރަށް މެސެޖު އާދޭ ތިމަންނަމެން ރަށުގައި ބިން ހިއްކަން ވައުދުވެފައި ނުކޮށްދެމެއްނޫންހެއްޔޭ. ނުކޮށްދެނީކީ ނޫން، ނުވެފަައި އޮތީ މިދެންނެވި ސަބަބުތަކާ ހުރެ" ރައީސް ވިދާޅުވި އެވެ.